Last Updated: May 17, 18:19
Saturday, May 17, 2025
ޚަބަރު

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދެ ދުވަސް ލިބޭނެ

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީރެޖިސްޓަރ ކުރި ފަރާތްތަކަށް ލިސްޓަށް ޝަކުވާ ހުށަހަޅަން ދެދުވަސް ލިބިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ބައެއް ފަރާތްތަކަށް ނޭނގި ރީރެޖިސްޓަރ ކުރަމުންދާ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި މިފަދަ ބައެއް މައްސަލަ މީސްމީޑިއާއަށް ވެސް ވަނީ ފެންމަތިކޮށްފައެވެ. އެލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިފަދަ މައްސަލަތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރީރެޖިސްޓަރ ކުރެވޭނީ އިލެކްޝަންސް ކޮމިޝަނަށް ސީދާ ފޯމު ހުށަހަޅައިގެން ނުވަތަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މި ނޫން ގޮތަކަށް އެއްވެސް ފަރާތެއް ރީރެޖިސްޓަރ ނުކުރެވޭނެ ކަމަށް އީސީން ބުނެއެވެ.

"އީސީ އަށް މައްސަލަ ހުށަހެޅުމުން ފޯމުގެ ކޮޕީ ނުވަތަ ޕޯޓަލް އިން އެދިފައިވާކަން ބަލައިދެވޭނެ. އަދި ރީ-ރަޖިސްޓްރޭޝަން ގެ މަސައްކަތް ނިމި، ލިސްޓު ޢާންމުކޮށް ޝަކުވާ އަށް ދެ ދުވަހުގެ މުއްދަތަށް ހުޅުވައިލެވޭނެ. ލިސްޓު އީސީގެ ވެބްސައިޓުން ފެންނާނެ. " ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ރީރެޖިސްޓްރޭޝަން ނިމުމުން މަސްލަހަތު އޮތް ޕާޓީތަކާއި ކެނޑިޑޭޓުންނާއި ލިސްޓް ހިސްސާ ކުރެވޭނެ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް އޮތް ނަމަ އެކަން އިލެކްޝަންސް ކޮމިޝަނުން އިސްލާހު ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އީސީން ބުނިގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީރަޖިސްޓްރީ ކޮށްފައިވަނީ 42،867 މީހުންނެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި 47،000 އަށްވުރެއް ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަން ވަނީ ހާމަކޮށްފައެވެ.

މީގެ ތެރެއިން، 19،000 ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާއިރު، އަދި 27،000 އަށްވުރެއް ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީސީން ވަނީ ބުނެފައެވެ.