Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

އޭއޭއޭ އަށް ކަނޑު ބޭނުން ކުރުމުގެ ހުއްދަ ދީފި

ސ.ގަމުގައި ފްލައިން ސްކޫލެއް ހިންގާ ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ޓްރޭނިންތަކުގައި ސީ ޕްލޭން ބޭނުން ކުރަން ނިންމާފައިވާތީ، އައްޑުގެ ކަނޑުގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އެ ހުއްދަ ފްލައިން ސްކޫލަށް ދިން ނަމަވެސް ސީ ޕްލޭން އައްޑޫގައި ބޭނުން ކުރުމުގެ ހުއްދަ އެ ކުންފުނިން ސިވިލް އޭވިއޭޝަން އޮތޯރިޓީން ނަގަން ޖެހޭނެ ކަމަށެވެ.

"އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫ ގައި ސީ.ޕްލޭން ތަޢާރަފް ކުރުމަށް ކަނޑުގެ ސަރަޙައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މައްސަލަ ލޭންޑް އެންޑް އިންފްރާސްޓްރކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން އިން ކައުންސިލް މަޝްވަރާ ކޮމިޓީއަށް ހުށަހެޅުމާއި ގުޅިގެން މަޝްވަރާ ކޮށް މައްސަލައަށް ގޮތެއް ނިންމަވައި ދެއްވުން އެދި ކައުންސިލް ރަސްމީ ބައްދަލުވުމަށް ހުށަހެޅި މައްސަލަ ނިންމެވީ، މިމައްސަލަ އަކީ އައްޑޫގައި ހިންގާ ފްލައިންގ ސްކޫލްގައި ސީޕްލޭން ތަޢާރަފް ކުރުމަށް ބޭނުންވެގެން އެފަރާތުން ހުށަހަޅާ މައްސަލައެއް ކަމަށާއި،އަދި އެފަރާތުން މިމައްސަލަ ހުށަހަޅާ ސަބަބަކީ ކައުންސިލް ގެ އިޙްތިސާސް ތަކުގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަޙައްދު ބޭނުން ކުރަން ޖެހުމުން ކަނޑު ބޭނުން ކުރުމުގައި ކައުންސިލްގެ ހުއްދަ ހޯދަން ކަމަށް ފާހަގަކޮށް އެފަރާތަށް މިހުއްދަ ދިނުމަކީ އެންމެ ރަގަޅު ކަމެއްކަމަށް ކައުންސިލްއަށް ޤަބޫލު ކުރެވޭ ކަމަށް ފެންނަކަމަށެވެ" ކައުންސިލްގެ ފަރާތުން މި އަހަަރު ބޭއްވި 6 ވަނަ ބައްދަލުވުމުގައި ނިންމެވުންތަކުގެ ރިޕޯޓުގައި ވެއެވެ.