ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އިތުރު ދެ ބޯޓް ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭސް) އިން ބުނީ ކުންފުނީގައި ހުރި ޑޭޝް8 މަރުކާގެ ބޯޓްތައް ދޫކޮށްލައި، ފްލީޓް އާކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭޓީއާރް މަރުކާގެ އިތުރު ދެ ބޯޓް ގަންނަން ނިންމައި އެކަމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ފްލީޓަށް ވަރަށް ފަހުން އާޓީއާރްގެ ތިން ބޯޓް ގެނެސްފައިވެ އެވެ. އެއީ އޭޓީއާރް 600-72 ގެ ދެ ބޯޓާއި އޭޓީއާރް 42-600 ގެ ބޯޓެކެވެ. އަލަށް ގަންނަން ނިންމީ އޭޓީއާރު 600-72 ގެ ދެ ބޯޓެވެ.
މި ބޯޓްތައް ގަންނަން އެއްބަސްވުމުގައި ސޮއިކުރީ އޭޓީއާރް ކުންފުންޏާ އެކީގަ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ނަތާލީ ޓާނައުޑެވެ. އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ.