ކުރީގެ ލޯބިވެރިން ކަމަށްވާ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރް އެކީގައި ކުޅުނު އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ޖަބް ވީ މެޓް" ދެވަނަ ބައެއް ހެދުމިގެ ވާހަކަތައް ދެކެވެން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމު ހަދަން ނިންމާފައި ވަނީ ޑައިރެކްޓަރު އިމްތިއާޒް އަލީ ލިޔެ، ޑައިރެކްޓްކޮށް 2007 ގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ޕްރޮޑިއުސްކުރި ސްރީ އަޝްޓަވިނާޔަކް ސިނެ ވިޝަންގެ ގޮޕްތެއް ކަމަށްވާ ގަންދާރު ފިލްމްސްއިން ކަމަށެވެ.
އެ ކުންފުނީގެ ވެރިޔާ ރާޖް މެހެތާ ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި ބުނީ "ޖަބް ވީ މެޓް" ސީކްއެލް ހަދަން ޕްލޭން ކުރެވެމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް އޭނަ ނުދެ އެވެ. އެހެންވެ ދެވަނަ ބައި އިމްތިއާޒު ޑައިރެކްޓްކުރާނެތޯ އާއި އޭގެ ކާސްޓްގައި ކަރީނާ އާއި ޝާހިދު ހިމެނޭނެ ކަމެއް ވެސް ސާފެއް ނުވެ އެވެ.
މިކަމާ ބެހޭ ގޮތުން މިހާތަނަށް އިމްތިއާޒް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
"ރޮކްސްޓާ" އާއި "ލަވް އާޖް ކަލް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ "ޗަމްކީލާ" އެވެ. އޭގެ ތަރިންނަކީ ދިލްޖީތު ދޮސަންޖާއި ޕަރިނީތީ ޗޯޕްޅާ އެވެ.
"ޖަބް ވީ މެޓް" އަކީ އެންމެ 15 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) ގެ ބަޖެޓަޖުން ހަދައި ބޮކްސް އޮފީހުގައި 50.9 ކްރޯޑް ރުޕީސް (6.11 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު ރިލީޒްކުރި ދުވަސްވަރު އޭގެ ބައެއް ލަވަތައް ވެސް ވަރަށް މަޝްހޫރުވެގެން ދިޔަ އިރު، ފިލްމުގައި ކަރީނާ ހެދުން އެޅި ގޮތް ބޮޑު ފެޝަން ޓްރެންޑަކަށް ވެސް ވި އެވެ.