Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

މި އަހަރުގެ ފުރަތަމަ ހަފްތާ ބަންދުގައި ބޮކްސް އޮފީހުގެ ގަދަ 10

އާ އަހަރުގެ ފުރަތަމަ ހަފްތާގައި ބޮކްސް އޮފީހުން ކާމިޔާބު ފިލްމުތަކެއް ފެނިގެން ގޮސްފައިވާ އިރު ފާހަގަ ކޮށްލެވުނު އެއް ކަމަކީ އެންމެ ފިލްމެއް ފިޔަވައި ދެން މުޅިންވެސް 2012 ގެ ފިލްމުތަކެއް ބޮކްސް އޮފީހުގެ ގަދަ ދިހައެއްގައި ހިމެނިގެން ދިއުމެވެ.

މި ލިސްޓުގެ އެއްވަނައިގައި ވަނީ ޖެނުއަރީ ހަތަރެއްގައި ނެރުނު "ޓެކްސަސް ޗެއިންސޯ 3D" އެވެ. ޖޯން ލުއެސަންހޮޕް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސެސްގައި ހިނގާ ބިރުވެރި ޙާދިސާއެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަށް މިހާތަނަށް މުޅިއެކު $25,601,740 ލިބިފައި ވާއިރު ފިލްމު ރިލީޒްކުރި ރޭ އެކަނިވެސް 10,200,000 ވަނީ ހޯދާފައެވެ. މި ފިލްމު ބޮކްސް އޮފީހުގެ އަހަރުގެ ފުރަތަމަ ހަފްތާގެ އެއްވަނަ މަޤާމް ހޯދާފައިވަނީ އެ ހަފްތާގައި 21.7 މިލިއަން ޑޮލަރު ހޯދައިގެންނެވެ.

ދެން މި ލިސްޓުގައި ވަނީ "ޑްޖާންގޯ އަންޗެއިންޑް" އެވެ. 1850ގެ އަހަރުތަކުގައި ހިނގާ ޙާދިސާއެއް ދައްކުވައިދޭ މި ފިލްމުގައި ފެނިގެންދަނީ ކުރީން އަޅެއްގެ ގޮތުގައި ހުރެ މިނިވަންވުމަށްފަހު އޭނާގެ އަންހެނުން ސަލާމަތް ކުރަން އުޅޭ 'ޑްޖާންގޯ' އޭ ކިޔާ ފިރިހެނަކު ކުރާ މަސައްކަތެވެ. މި ފިލްމަށް ވަނީ $20,010,745 ހަފްތާ ބަންދުގައި ހޯދާފަ އެވެ. މި ފިލްމު ޑިސެމްބަރ 25ގައި ނެރުނު ފަހުން މިހާތަނަށް 106.3މިލިއަން ޑޮލަރު ލިބިފައި ވެއެވެ.

ޑިސެމްބަރ ސާދަވަނަ ދުވަހު ނެރެފައިވާ "ދި ހޮބިޓް: އޭން އަންއެކްސްޕެކްޓެޑް ޖާނީ" ވަނީ $17,545,386 އެކު ލިސްޓުގެ ތިންވަނައިގަ އެވެ. މި ފިލްމަށްވަނީ މިހާތަނަށް 263.8މިލިއަން ޑޮލަރު ލިބިފައެވެ. ހިޔާލީ އަސްލެއްގެ މައްޗަށް ބިނާކުރެވިފައިވާ މި ފިލްމު އެންމެ ގިނައިން ބަލާފައިވަނީ އުމުރުން ތޭރަ އަހަރުން ފެށިގެން ފަންސަވީސް އަހަރާ ދެމެދުގެ މީހުން ކަމަށް ހިސާބަތަކުން ދައްކައެވެ.

"ލެސް މީސީރާބްލްސް" (Les Misérables) ޗާޓުގެ ހަތަރުވަނާގައި ފައިވިއްދާލާފައި ވަނީ މި އަހަރުގެ ފުރަތަމަ ހަފްތާގައި 16,015,560 ޑޮލަރު ހޯދައިގެންނެވެ. މި ފިލްމު ޑިސެމްބަރު ހަތެއްގައި ރެލީޒް ކުރިފަހުން މިހާތަނަށް އެކަނިވެސް 190,057,672 ޑޮލަރު ވަނީ ލިބިފައެވެ. މިކާމިޔާބީގެ އަސްލެއް ކަމުގައި އަޅުގަނޑު ދެކެނީ މި ފިލްމުގައިވާ އެކްޓަރުންގެ ހުނަރަށެވެ. މީގެ ތެރޭގައި ދަ ޑިކްޓޭޓާގައި އެޑްމިރަލް ގެނެރަލް އަލާއްދީންގެ ރޯލް ކުޅުނު "ސަޗާ ބަރޯން ކޮހެން" ، "އޭން ހަތަވޭ" ގެ އިތުރުން އެކްސް މޭން އޮރިޖިންސްގައި ވުލްވަރީންގެ ރޯލް ކުޅުނު "ހަގް ޖެކްމެން" ހިމެނެއެވެ.

ދެން މިބަލާލަނީ މި ލިސްޓުގެ ފަސްވަނައިގައިވާ "ޕޭރެންޓަލް ގައިޑެންސް" އަށެވެ. ހެއްވާ މަޖާ އަސާސެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމު ވަނީ ހަފްތާ ބަންދުގައި $9,704,619 ހޯދާފައެވެ. މީގެ އިތުރުން މުޅިއެކު 52,339,698 ޑޮލަރު ލިބިފައިވުމަކީ މި ފިލްމުގަވެސް ހަރަކާތްތެރިވާ އެކްޓަރުންގެ ކުޅަދާނަކަމާއި ފުރިހަމަ ކަމެވެ. ޙާއްސަކޮށް މި ފިލްމުގައި ހަރަކާތްތެރިވާ ކުޑަކުދިން ފާހަގަ ކޮށްލެވެއެވެ. މި ފިލްމަކީ އާއިލާ އެކީ މަޖާ މަޙައުލެއްގައި ބަލާލުމަށް ވަރަށް ކަމުދާނެ ފިލްމެކެވެ.

ޓޮމް ކްރޫސް އަކީ ދިވެހިންނަކަށް އާ ނަމަކަށް ނުވާނެއެވެ. ޓޮމް ކްރޫސް ލީޑް ބަތަލެއްގެ ގޮތުގައި ހަރަކާތްތެރިވާ "ޖެކް ރީޗާ" ވަނީ ލިސްޓުގެ ހަ ވަނާގައެވެ. މި ފިލްމަށް ހަފްތާ ބަންދުގައި $9,192,873ލިބިފައިވާ އިރު މުޅިއެކު 64,697,214 ޑޮލަރުލިބިފައިވެއެވެ. މި ފިލްމު ރިލީޒް ކޮށްފައިވަނީ ޑިސެމްބަރ 21ގަ އެވެ.

ކޮމެޑީ ފިލްމް "ދިސް އިސް 40" ވަނީ ލިސްޓުގެ ހަތް ވަނައިގައެވެ. މި ފިލްމަށް މިހާތަނަށް $54,255,195 ލިބިފައިވާ އިރު ހަފްތާ ބަންދުގައި $8,353,350 ވަނީ ލިބިފައެވެ. ޖޫޑް އަޕަޓޯ ޑައިރެކްޓު ކޮށްފައިވާ މި ފިލްމުން ވެސް ފެނިގެންދަނީ "ނޮކްޑް އަޕް" ގައިވެސް ހަރަކާތްތެރިވި "ލޭސްލީ މާން" އާއި "ޕައުލް ރުޑް" ގެ ދިރި އުޅުމުގެ ޙަޔާތެވެ. މި ފިލްމަކީ "ނޮކްޑް އަޕް"ގެ ސްޕިން-އޮފް ސީކުއެލް އެކެވެ.

މި ލިސްޓުގެ އައްވަނާ ގައި ވަނީ އެމެރިކާގެ ސޯޅަވަނަ ރައީސް އަބްރަހަމް ލިނަކޮން އެ ގައުމުގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތައް ޙައްލު ކުރުމަށްޓަކައި ކުރާ މަސައްކަތް ދައްކުވައިދޭ "ލިންކޮން" އެވެ. މި ފިލްމަށް މި އަހަރުގެ ފުރަތަމަ ހަފަތާ ބަންދުގައި $5,413,827 ލިބުނު ނަމަވެސް މިހާތަނަށް $144,089,046 ލިބިފައިވާކަން ފާހަނގަ ކޮށްލެވެއެވެ.

ނުވަ ވަނަވެސް މި އަހަރުގެ ފުރަތަމަ ހަފްތާގައި ކާމިޔާބު ކޮށްފައިވަނީ ކޮމެޑީ ފިލްމެކެވެ. އޭން ފްލެޗާ ޑައިރެކްޓް ކޮށްފައިވާ "ދަ ގިލްޓް ޓްރިޕް"ގައި ބާބްރާ ސްޓްރެއިސްސޭންޑް ގެ އިތުރުން ސެތް ރޯގެން ލީޑް ރޯލުން ފެނިގެން ދެއެވެ. މި ފިލްމު ވަނީ ހަފްތާ ބަންދުގައި $4,434,948 ހޯދާފައެވެ. އަދި މިހާތަނަށް މި ފިލްމަށް މުޅިއެކު $31,111,882 ލިބިފައި ވެއެވެ.

ލިސްޓުގެ އެންމެ ފުލުގައި ވަނީ ފިލްމު ޑައިރެކްޓަރު ގުސް ވާން ސާންޓް ގެ "ޕްރޮމިސްޑް ލޭންޑް" އެވެ. 4,049,911 ހަފްތާ ބަންދުގައި ލިބިފައިވާ އިރު މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ ވެސް $4,395,439 އެވެ.

މި އަހަރުގެ ކުރިއަށް އޮތްތަނުގައި ގިނަ އާ ފިލްމުތަކެއް ފެނިގެންދާނެ އިރު ބޮކްސް އޮފީހުގެ ގަދަ ދިހައެއްގައި ހީވެސް ނުކުރާފަދަ ފިލްމުތައް ފެނިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަން އަޅުގަނޑުމެން އެއްމެންވެސް ޤަބޫލުކުރާނެކަން ޔަގީނެވެ. އަދި އުއްމީދަކީވެސް މިއީ އެވެ. ކޮންމެއަކަސް މި އަހަރު ވެގެންދާނީ ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ފެނިގެންދާނެ އަހަރަކަށެވެ.