ބުރުގާ އަޅާ މުސްލިމު އަންހެނުންނަށް ހިތްވަރުދީ އެކަން ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ބުރުގާ އަޅާ މީހުން ރަމްޒުކޮށްދޭ މޮނިއުމަންޓެއް ބަހައްޓަން ތައްޔާރުވާން ފަށައިފި އެވެ.
މީގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެ މޮނިއުމަންޓް ރަސްމީކޮށް ދައްކައިލާނީ އަންނަ މަހުގެ ތެރޭގަ އެވެ. މި މޮނިއުމަންޓް އިންނާނީ ބާމިންގަމްގެ ސުމެތިކްގަ އެވެ. ބުރުގާ އަޅައިގެން އިންނަ މީހެއް ސިފަކޮށްދޭ ގޮތަށް ތައްޔާރުކުރާ މޮނިއުމަންޓްގެ މަސައްކަތް ކުރަނީ މިފަދަ މަސައްކަގެ ތަޖުރިބާކާރެއް ކަމަށްވާ ލޫކް ޕެރީ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އިނގިރޭސި ވިލާތުގައި ބަހައްޓާ، ބުރުގާ މޮނިއުމަންޓް ވާނީ ގައުމެއްގައި ބަހައްޓާ މިފަދަ ފުރަތަމަ މޮނިއުމަންޓަށެވެ.
"ލެގަސީ ވެސްޓް މިޑްލޭންޑްސް: ކިޔާ ޗެރިޓީއަކުން ބަހައްޓާ މޮނިއުމަންޓްގެ އުސްމިނުގައި ފަސް މީޓަރު ހުންނާނެ އެވެ.
ބުރުގާ އަކީ މުސްލިމު އަންހެނުންނަށް ހާއްސަ އެއްޗެކެވެ. ނަމަވެސް ބުރުގާ އާއި މޫނުބުރާ އަކީ ފަހަކަށް އައިސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބޮޑު މައްސަލަގަނޑަކަށް ހަދާފައިވާ އެއްޗެކެވެ. މީގެ ސަބަބުން ބުރުގާ އާއި މޫނުބުރުގާ އަޅާ މީހުންނަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.