Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓް ނަގަން ފާސްކޮށްފި

ގަރާރު ހުށައެޅުއްވި މެންބަރު އިލްޔާސް ލަބީބް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެ ދެއްވާފައެއްނުވެއެވެ.

ގަރާރަށް މެންބަރުން ވޯޓު ދެއްވި ގޮތް-

މި ގަރާރުގައި ބުނެފައިވަނީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމަށެވެ.

އިލްޔާސްގެ ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަށް 15 އަހަރު ވެފައިވާއިރު، އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލިކަމުގައި ވީނަމަވެސް، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު އެމީހަަކަށް ލިބިގެންކަމަށްވާއިރު، މިހާތަނަށް ރިޔާސީ އިންތިހާބަކަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ.