Last Updated: May 2, 21:43
Friday, May 3, 2024
ޚަބަރު

ހިތަދޫ ފަޅު ބޭރުން ޑައިވްކުރާ ސަރަހައްދެއް ހިމާޔަތްކޮށްފި

ހިތަދޫގައި އާންމު ބަނދަރާއި ދިމާލުން އޮންނަ 'ފަސްގަނޑު'ގެ އުތުރުން އަދި މާހެރެ އިރުން ސަރަހައްދެއް އައްޑޫސިޓީ ކައުންސިލުން ހިމާޔަތްކޮށްފި އެވެ.

އެގޮތުން ހިމާޔަތް ކުރަން ކަނޑައަޅާ ސަރަހައްދަކީ ހިތަދޫ ފަޅުތެރެއިން އޮންނަ މާހެރެގެ އިރުން އަދި ހިތަދޫ އާންމު ބަނދަރު ކުރިމަތިން އޮތް ފަސްގަނޑުގެ އިރުން 100 މީޓަރުގެ ރޭޑިއަސްއެއްގައި ފަޅުން ބޭރު ސަރަހައްދެކެވެ.

މި ސަރަހައްދަކީ މިހާރުވެސް އައްޑޫއަށް އަންނަ ފަތުރުވެރިން ޑައިވް ކުރާ ޑައިވް ޕޮއިންޓެކެވެ. އެހެން ކަމުން މި ސަރަހައްދު ކައުންސިލުން ހިމާޔަތް ކުރުމުން މި ސަރަހައްދުން މަސްވެރިކަން ކުރުން އެއްކޮށް މަނާވާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.

މި ސަރަހައްދު ހިމާޔަތް ކުރަން ސިޓީ ކައުންސިލުން ނިންމާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ. ކައުންސިލުން ސަރަހައްދު ހިމާޔަތް ކުރަން ނިންމާފައިވަނީ ކައުންސިލުގެ އަޤުލަބީއްޔަތުންނެވެ.

ދިވެހި ރައްޖޭގެ ތިމާވެށީގެ ޤާނޫނުގެ ދަށުން ސަރުކާރުން އައްޑޫގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ އިތުރަށް، އައްޑޫސިޓީ ކައުންސިލުންވެސް ބައެއް ބޭނުންތަކަށާއި ތިމާވެށި ރައްކާތެރި ކުރުމަށް ސަރަހައްދުތައް ހިމާޔަތްކޮށްފައިވެއެވެ. އެއިން ބައެއް ސަރަހައްދުތައް ސަރުކާރުންވެސް ފަހުން ވަނީ ހިމަޔާތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ހިމަނާފައެވެ.