Last Updated: May 6, 21:20
Monday, May 6, 2024
މުނިފޫހިފިލުވުން

އޭއައިގެ އެހީގައި އަނިލްއަކާ "ނުކުޅެވޭނެ"

އާޓިފިޝަލް އިންޓެލިންސް (އޭއައި) ގެ އެހީގައި އިންޑިއާގެ ފިލްމީ ތަރި އަނިލް ކަޕޫރްގެ ޝަހުސިއްޔަތާ ގުޅުން ހުރި އެއްވެސް އެއްޗެއް އުފެއްދައި ބޭނުން ކުރުން ކޯޓުން މަނާކޮށްފި އެވެ.

އެފަދަ އަމުރަކަށް އެދި ދިއްލީ ހައި ކޯޓަށް 66 އަހަރުގެ އެކްޓަރު ހުށަހެޅި މައްސަލާގައި ގޮތެއް ނިންމީ އިއްޔެ އެވެެ. އެގޮތުން އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނި އޭއައިގެ އެހީގައި އަނިލްގެ ސޫރަ އާއި އަޑާއި ޝަހުސިއްޔަތާ ގުޅުން ހުރި އެއްވެސް އެއްޗެއް އުފައްދައި، އޭގެ ބޭނުން އެއްވެސް ހައިސިއްޔަތަކުން ކުރުމަކީ މަނާ ކަމެއް ކަމަސވެ. އަދި އެފަދަ އެއްވެސް އުފެއްދުމެއް އަނިލްގެ ހުއްދަ ނެތި ބޭނުން ނުކުރެވޭނެ ކަމަށާއި އެފަދަ ކަމެއްކޮށްފި ނަމަ އެކަމަކާ ދެކޮޅަށް ގާނޫނީ ގޮތުން އެ މީހަކާ/ބަޔަކާ ދެކޮޅަށް ދައުވާކުރުމުގެ ހައްގު އޭނަ އަށް ލިބިގެންވާ ކަމަށް ކޯޓުން ބުންޏެވެ.

ދިއްލީ ހައި ކޯޓްގެ މި ނިންމުމާ ގުޅިގެން އަނިލް މީޑިއާތަކަށް ބުނީ ކޯޓްގެ ނިންމުމަކީ ވަރަށް ބޮޑު ކާމިޔާބިއެއްގެ ގޮތުގައި ދެކޭ ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ. އޭނަ ބުނި ގޮތުގައި މިއީ ފިކުރީ މުދާ ރައްކާތެރިކޮށް، ހިމާޔަތްކުރަން ގާނޫނީ ގޮތުން ލިބިދޭ ބާރާ އެއްގޮތަށް ފަންނާނުންނަށް އެ މީހުންގެ އަމިއްލަ ޝަހުސިއްޔަތު ވިޔަފާރީގެ ގޮތުން ބަޔަކު ނާޖާއީޒު ފައިދާ ނަގަން ފުރުސަތު ނެތްކަން ހާމަކޮށް ދިން ނިންމުމެއް ކަމަށެވެ.

"ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް މިހާރު މީސްމީހުންގެ ބޭނުން ނާޖާއީޒު ގޮތުގައި ހިފާ މިންވަރު ދަނީ އިތުރުވަމުން. އަހަރެން ގަބޫލުކުރަނީ އަހަރެން ކޯޓަށް ހުށަހެޅި މައްސަލާގައި ނެރެދިން އަމުރަކީ ވަރަށް ގިނަ ފަންނާނުންތަކަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމެޖެހުމަކަށް ކަމަށް." ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރު ބުންޏެވެ.

ކޯޓުގެ އިއްޔެ ނިންމުމާ ގުޅިގެން ދެން އަނިލްގެ މަޝްހޫރު އަތްމަތީ ބަހެއް ކަމަށް "ޖަކާސް" ވެސް އޭނައާ ގުވައިގެން އެއްވެސް ގޮތަކަށް ބަދައިގެން ބޭނުމެއް ނުކުރެވޭނެ އެވެ. "ޖަކާސް" އަކީ ގެ އަނިލްގެ ފިލްމެއް ކަމަށްވާ 1985 ގެ "ޔުދު" ގެ ޑައިލޮގެއްގައި އޭނަ ބޭނުންކުރި ލަފުޒެކެވެ. އަދި އެ ބަސް އޭނަ ކިޔާފައިވާ ގޮތުން ބޮޑު މަޝްހޫރު ކަމެއް ލިބި އެއީ އަނިލް ސިފަކޮށްދޭ "އައިކޮނިކް" ލަފްޒަކަށްވެފައިވެ އެވެ.

އޭއައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ އިރު، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް ދާދި ފަހުން ބުނެފައިވާ ގޮތުގައި އޭނަ ނެތް ދުނިޔޭގައި ވެސް އޭނަގެ ފިލްމުތައް ބެލުންތެރިންނާ ހަމައަށް އައުމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ އޭއައިގެ އެހީގައި މިހާރު އިންސާނުން "އުފައްދުމަކީ" ފެންފޮދެއް ބޯލުން ކަހަލަ ކަމަކަށްވެފައި އޮތުމެވެ.

އެހެންވެ އޭއައިއާ މެދު ކަންބޮޑުވާ މީހުން މިހާރު ވަރަށް ގިނަ އެވެ.