އައްޑޫ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުގައި ފުޓްސަލް ދަނޑެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މި މަސައްކަތް މިއަދު ހަވާލުކުރީ ހިތަދޫ ކުންފުންޏެއް ކަމަށްވާ ސަން ޝެލް މޯލްޑިވްސްއާ އެވެ. ކައުންސިލުން ބުނީ މިއީ ސަރުކާރުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށް ހަދަން ނިންމާފައިވާ ދަނޑެއް ކަމަށެވެ.
ސަން ޝެލްއާ އެ މަސައްކަޔް ހަވާލުކުރީ މަސައްކަތް ފަށާތާ 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ސްޓޭޓިއަމް ކައިރީގައި ފުޓްސަލް ދަނޑު ހަދަން މިއަދު ބަޔަކާ ހަވާލުކުރީ، އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ދެ ފަހަރަކަށް ބީލަމަށްލުމަށް ފަހު އެވެ. އެގޮތުން އެންމެ ފުރަތަމަ ބީލަމަށްލީ މި އަހަރުގެ ޖެނުއަރީގަ އެވެ. އޭގެ ފަހުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ބީލަމަށްލި އެވެ.
ސްޓޭޑިއަމް ކައިރީގައި ކުރިން ހަދަން ފަށާފައި އޮތް ދަނޑުގެ މަސައްކަތް ހުއްޓި ކުރިއަށް ނުދާތީ ހިތަދޫ އެފްސީ ސްޕްރިންޓުން މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
އެ ކުލަބުން ބުނެފައި ވަނީ ދަނޑު ހަދަން ފެށީ 2016 ގައި ކަމަށާއި އޭގެ ފަހުން އެތައް އަހަރެއްވީ އިރު ވެސް އެތަނުގައި އެއްވެސް މަސައްކަތް ކުރެވެމުން ނުދާ ކަމަށެވެ. ކުރިން ދަނޑު ހަދަން ފެށި މަސައްކަތުގެ ތެރއިން ދަނޑު އެއްވަރުކޮށް، ފަސް އަޅައި ލައިޓް ޖެހި ނަމަވެސް އެ ދިއްލޭނެ އިންތިޒާމެއް ހަމަޖައްސައިފައެއް ނުވެ އެވެ. އެހެންވެ ފަހުން އެތަނުގައި އޮތީ ވަރަށް ބޮޑަށް ވިނަ ފަޅައި ބޭނުން ނުކުރެވޭ ހާލަތު އެވެ.