ރާއްޖޭގައި ފިލްމު ހަދާ މީހުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އެވެ. އޭނަ މިހާތަނަށް ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ.
ނަހުލާގެ މަސައްކަތަކަށް ބެލުންތެރިންނާ ހަމައަށް އެންމެ ފަހުން އައީ ބައިސްކޯފަށް 2019 ގެނައި ވެބް ސީރީޒް "ހުވާ" އެވެ. އޭގެ ފަހުން "ދަޅަ" ގެ ނަމުގައި އާ ސީރީޒެއް ހަދަން ވެސް ނަހުލާ އިއުލާންކުރި އެވެ. އެކަމަކު އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވެ. ކޮވިޑާ ވިދިގެން ފިލްމީ ދާއިރާ އަށް އައި ގާތްގަނޑަކަށް ދެ އަހަރުގެ ހުއްޓުމަށް ފަހު، ފިލްމީ މަސައްކަތްކުރާ މީހުން އުޅެނީ ވަރަށް އަވަދިނެތި އެވެ.
މި އަހަރަށް ބަލައިފި ނަމަ މި އަހަރުގެ ފެބްރުއަރީން ފެށިގެން އޮލިމްޕަހުގައި އަންނަނީ ފުލުފުލުގައި ފިލްމުތައް އަޅަމުންނެވެ.
ނަމަވެސް ރާއްޖޭގެ ފިލްމު ބަލާ އޯޑިއަންސްގެ އިތުބާރާއި ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ނަހުލާގެ އެއްވެސް އަޑެއްބަޑެއް ނީވޭތީ އޭނަގެ ފޭނުން ތިބީ މާޔޫސްކަމެއްގެ ތެރޭގަ އެވެ. ހަމަ ޔަގީނުން ވެސް ނަހުލާގެ ސިނަމާ އަށް ލޯބިކުރާ މީހުން ތިބީ އޭނަގެ ފިލްމެއް އަންނާނެ އިރެއްގެ އިންތިޒާރުގަ އެވެ.
ނަމަވެސް މީޑިއާތަކާ ވެސް ވަރަށް ރައްޓެހި ޑައިރެކްޓަރުގެ ފަރާތުން އެފަދަ އެއްވެސް އިޝާރާތެއް މިހާތަނަށް ނުލިބެ އެވެ. އެހެންވެ ބައެއް މީހުން މިހާރު ކުރާ ސުވާލަކީ ނަހުލާ ފިލްމު ހެދުން ހުއްޓާލީ ހެއްޔެވެ؟ އެހެން އެކަންވެއްޖެ ނަމަ އެއީ ފިލްމު ބަލާ އޯޑިއަންސަށާއި ދިވެހި ސިނަމާ އަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައަކަށް ވާނެ އެވެ.
ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، ނަހުލާ ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ޑައިރެކްޝަނަކީ 1998 ގެ "ފަހު ނޭވާ" އެވެ. އޭގެ ކުރިން ވެސް ނަހުލާގެ ބައެއް ވާހަކަތަކަށް ފިލްމުތަކާއި ޑްރާމާތައް ހަދައިގެން ބައެއް ޑައިރެކްޓަރުން ގެނެސް ދީފައިވެ އެވެ.
ނަމަވެސް ލިޔާ ވާހަކަތަކުގައި އޭނަ އަމިއްލަ އަށް ކުލަ ޖައްސައިގެން ސްކްރީނަށް ގެނައުމުން އޭގެ ޖާދޫގައި ޖެހުނު މީހުން ވަރަށް ގިނަ އެވެ. އެގޮތުން ނަހުލާ ފާހަގަކުރެވުނީ އަސަރު ގަދަ ލޯބީގެ ފިލްމުތައް ހަދަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނަ ޑައިރެކްޓްކުރި "ނާއުންމީދު" އާއި "ކަލާޔާ ނުލާ" އާއި "ޒުހޭލާ" އަދި "ޔޫސުފު" ރާއްޖޭގައި އެންމެ ހިނގި ފިލްމުތަކުގެ ތެރެއިން ފިލްމުތަކެވެ.
ނަހުލާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ އަހުމަދު ޝިނާނާ ހިއްސާވެގެން ހަދައި 2016 ގައި ގެނެސްދިން ބިރުވެރި ފިލްމު "4426" އެވެ. މިއީ މިހާތަނަށް އޭނަ ހެދި ހަމައެކަނި ބިރުވެރި ފިލްމެވެ.އެކަމަކު ނަހުލާ އަކީ ރާއްޖޭގައި އެންމެ މަޝްހޫރުވި ބިރުވެރި ވާހަކަތަކުގެ ތެރޭގައި ހިމެނޭ "މަންޖެ" ގެ ލިޔުންތެރިޔާ އެވެ.
ކްރިސްޓަލް އެންޓަޓައިންމަންޓްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ނަހުލާ ގެންގުޅޭ އިރު، އޭގެ ދަށުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2017 ގެ ލޯބީގެ ފިލްމު "ބޮސް" އެވެ. ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކުރި މި ފިލްމުގެ ކުރިން ވެސް ނަހުލާގެ ވާހަކަތަކަށް ކްރިސްޓަލް އިން ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ވީރާނާ"، ހެޔޮނުވާނެ" އަދި "މި ހަށިން ފުރާނަ ދަންދެން" ހިމެނެ އެވެ.
"ބޮސް" ގެ ފަހުން 2019 ގައި "ސޮރީ" ކިޔާ ފިލްމެއްގެ ވާހަކަ ނަހުލާ ދެއްކި އެވެ. އެކަމަކު އޭގެ ވާހަކައެއް އަދި މި ފަހުން ފިލްމީ އެއްވެސް ވާހަކައެއް ނަހުލާ ދައްކާ އަޑެއް ނީވެ އެވެ. މިކަމުގެ މާޔޫސްކަމުގައި ތިބި މީހުންގެ ސުވާލަކީ މިއެވެ؛ ނަހުލާ ކޮބައި ހެއްޔެވެ؟