Last Updated: May 17, 18:06
Saturday, May 17, 2025
ޚަބަރު

ހުޅުމާލެ ފަޅު ހިއްކަން އުޅަނދުތައް ނަގަން ފަށައިފި

ހުޅުމާލެ ފަޅުގައި އަޅާފައިވާ އުޅަނދުތައް / ފޮޓޯ : އާބަންކޯ

ސަރުކާގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފަޅު ހިއްކާ ސަރަހައްދުން އުޅަނދުތައް ނެގުމަށް، ތަކުރާރުކޮށް އިއުލާންކޮށް މިހާތަނަށް ނުނަގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.

އާބަންކޯއިން އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ، ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން އެ ސަރަހައްދު ހިއްކުމަށެވެ. އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އާބަންކޯއިން އިއުލާންކޮށް މުއްދަތު ދީފައިވާއިރު، ބައެއް އުޅަނދުތައް މިހާތަނަށް ނަގާފައި ނުވާ ކަމަށް އާބަންކޯއިން ބުނެއެވެ. އެހެން ކަމުން މި އުޅަނދުތައް މިތަނުން ނެގުމުގެ މަސައްކަތް އެކުންފުނިން ދެން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އަމާޒަކީ 5 ނޮވެމްބަރުގެ ކުރިން ހުރިހާ ގޯތިތަކާއި ރަޖިސްޓްރީތައް ހަވާލުކުރުން ކަމަށެވެ.

ހުޅުމާލޭގެ އިތުރުން ދިޔަނެރު ފަޅާއި ތިލަފުށިން އިތުރު ސަރަހައްދެއް ހިއްކަން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މިދިޔަ މަހުގެ 20 ގަ އެވެ.

މި މަޝްރޫއުގެ ފޭސްތަކަށް ބަލާ އިރު ހުޅުމާލެ ފޭސް ދޭކުން 62.6 ހެކްޓަރު، ދިޔަނެރު ފަޅުން 24.6 ހެކްޓަރު އަދި ތިލަފުށި އޭރިއޭ ޑީ އިން 9.6 ހެކްޓަރު ހިއްކާނެ އެވެ. ހުޅުމާލެ ފަޅުހިއްކާ ގޮތަށް ބަލާ އިރު، އާބަންކޯ އިން ބުނީ މި މަޝްރޫއު ކުރިއަށް ދާނީ ތިން ފިޔަވައްސަކަށް ކަމަށެވެ. އެގޮތުން ސްޓޭޖް އެކެއްގައި 10 ހެކްޓަރު، ސްޓޭޖް ދޭއްގައި 29 ހެކްޓަރު އަދި ސްޓޭޖް ތިނެއްގައި 24 ހެކްޓަރު ހިއްކާނެ އެވެ.