Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

އައްޑޫ ސިޓީ ކައުންސިލް ކޮބާ؟

ކައުންސިލްތަކާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އައްޑޫ މޭޔަރު.(ކ 2 ވަނަ) ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި ރާއްޖޭގެ ބައެއް ރަށްތަކުގެ ކައުންސިލްތަކުން ނޫސް ބަޔާންތައް ނެެރެމުން ދާ އިރު އައްޑޫ ސިޓީ ކައުންސިލް ހިމޭނުން އޮތުމުން އެކަމާއި މެދު އައްޑޫ ސިޓީގެ ރައްޔިތުން ސުވާލު އުފައްދަން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ 6 ކައުންސިލަރުންނަކީ ވެސް އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ކައުންސިލް އުވާލާނެ ކަމުގެ ބިރު އޮތުމުން ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނުމަށް ކައުންސިލަރުންނަށް އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވަނީއެވެ.

ރައީސް ނަޝީދު ހައްޔަރު ކުރި ކުރުން އެންމެ ހަރުކަށި އިބަރާތުން ލ. ހިތަދޫ ކައުންސިލްއާއި ރައްޔަތުންގެ ފަރާތުން ކުށްވެރިކޮށްފައިވާ އިރު ފުވައްމުލަކު ކައުންސިލުން ވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

ރޭ މާލޭގައި ބޭއްވި މުޒާހަރާގައި އައްޑޫ ސިޓީގައި ވެސް ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން މުޒާހަރާ ކުރާ ކަމަށް ބުނެފައި ވި ނަމަވެސް އައްޑޫ ސިޓީގެ އެއްވެސް ރަށެއްގައި މުޒާހަރާއެއް ކޮށްފައެއް ނުވެއެވެ.