ވެރިކަމުގެ ނިޒާމާ މެދު ފެންނަ ނުފެންނަމ ވޯޓެއް ނަގަން އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެކަމާ ގުޅޭ ގަރާރު އިލެކްޝަން ކޮމިޝަން (އީސީ) ފޮނުވާފައިވާތީ އެކަމާ ގުޅޭ ގޮތުން މިހާރު ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު، އީސީ އަށް މިއަދު ލިބިފައިވާ ކަމަށެވެ.
"[އެހެންވެ] މިކަމާ މެދު، އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ދަނީ ހޯދަމުން." އޭނަ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވަފައިވާ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް މިއަދު ލިބިއްޖެ.
މިކަމާމެދު، އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ…— Ismail Habeeb (@IsmailHabeeb) September 21, 2023
ރާއްޖޭގައި ބާއްވަން ފެންނަނ ރިޔާސީ ނިޒާމުތޯ ނުވަތަ ބަރުލަމާނީ ނިޒާމުތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބެވެ.
އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީއެމްޑީޕީގެ މެމްބަރުން 19 ގެ މެމްބަރެއްގެ ތާއީދާ ވެސް އެކީގަ އެވެ.
ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެ ނަމަ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު މަދުވެގެން 30-45 ދުވަހާ ދެމެދުގެ މުއްދަތެއް އެކަމަށް ބޭނުންވާނެ ކަމަށް އީސީން ބުނެފައިވެ އެވެ.