Last Updated: July 25, 18:05
Saturday, July 25, 2026
މުނިފޫހިފިލުވުން

ހީނާގެ އަޑުން ލަވައެއް

ޓީވީ ބަތަލާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ހީނާ ޚާން ކިޔާފައިވާ ލަވައެއް މިއަދު އާންމުކޮށްފި އެވެ.

"ބަރުސާތު އާ ގައީ" ގެ ނަން ދީފައިވާ މި ލަވަ ނެރެފައި ވަނީ ހީނާއާ އެކީ ހިތްގައިމު ވީޑިއޯއަކާ ވެސް އެކީގަ އެވެ.

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލު ކުޅެގެން މަޝްހޫރުވި ހީނާ ބުނީ އަމިއްލަ އަޑުން ލަވައެއް ރެކޯޑްކޮށް، އެ ލަވަ ފޭނުންނަށް ދޫކޮށްލުމަކީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށެވެ. އަދި މިއީ ފަންނާނެއްގެ ގޮތުގައި މިހާތަަށް ކުރި އެންމެ ހިތްގައިމު ތަޖުރިބާ ކަމަށް ބުންޏެވެ.

"އުންމީދު ކުރަން އަހަރެންގެ މި ލަވަ ހުރިހާ ފޭނުންނަށް ވެސް ކަމުދާނެ ކަމަށް." ހީނާ، 35، ބުންޏެވެ.

އޭނަ ލަވަކިޔުމުގެ ހުނަރު ދައްކައިލި އިރު، ހީނާ އަކީ މިހާރު ފިލްމުތައް ވެސް ކުޅެމުން އަންނަ ބަތަލާއެކެވެ. އޭނަގެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކީ 2021 ގެ "ހެކްޑް" އެވެ.

ހީނާ އަކީ އިންޑިއާގެ ބައެއް ރިއަލިޓީ ޝޯތަކުގައި ވާދަކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ހިމެނެ އެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކަސޯޓީ ޒިންދަކީ ކީ" ގެ ދެވަނަ ސީޒަނާއި "ނާގިން 5" ހިމެނެ އެވެ.