ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެ ވަނަ ފިޔަވަހި ތަރައްގީކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި މިހާރު އެ ޕާކު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ އެ ރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ ހޯޑެއްދޫ ސްޕޯޓްސް އިންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ވަނީ އަތިރިމަތީގައި ގަސް އިންދާ، މި ޕާކުގެ ވޯކްވޭ ސާފުކޮށް، 5 ބެންޗު އަދި ސޯލާ ލައިޓް ހަރުކޮށް، ހަޓެއް ބަހައްޓައި، ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީ އެއް ގާއިމްކޮށްފަ އެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހޯޑެއްދޫ ސްޕޯޓްގެ ފަރާތުން މަހްދޫން އާދަމް ވިދާޅުވީ މި ޕްރޮޖެކްޓް ގެ ސަބަބުން އާއިލީ ގުޅުން ބަދަހި ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްވެ، އިކޯ ޓުއަރިޒަމް ގެ ފުރުސަތުތައް ފުޅާވެ، އާންމުންގެ މެދުގައި ޖަންގަލި އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުތުވެގެންދާނެ ކަމަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.