Last Updated: July 24, 18:15
Friday, July 24, 2026
މުނިފޫހިފިލުވުން

"ޖަވާން" އާ މެދު ނަޔަންތަރާ ހިތްހަމަނުޖެހިފައި!

ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދަމުން އަންނަ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީއާ މެދު، އޭގެ ބަތަލާ ނަޔަންތަރާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ދެކުނުގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ނަޔަންތަރާ ހިތްހަމަނުޖެހިފައި ހުރީ ފިލްމުން އޭނަގެ ގިނަ މަންޒަރުތައް ކަނޑާލައި، ދީފައިވާ އިސްކަން ކުޑަކުރުމާ ގުޅިގެންނެވެ. އޭގެ ބަދަލުގައި ފިލްމުގެ "އެކްސްޓެންޑް ކެމިއޯއެއް" ގައި ހިއްސާވި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ކުޅުނު ކެރެކްޓާ އަށް މާ ބޮޑު އިސްކަމެއް ދީފައިވާ ކަމަށާއި އޭގެ ސަބަބުން "ޖަވާން" ގައި ނަޔަންތަރާ ކުޅުނު ރޯލަށް ހިޔަނި އެޅިފައިވާ ކަމަށް އޭނަ ގަބޫލުކުރާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

މި ފިލްމުގައި ހިމެނޭ ދީޕިކާގެ ރޯލަކީ މީގެ އެންމެ ބޮޑު އެއް ހައިލައިޓް ކަމަށް "ޖަވާން" ބެލި ވަރަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. މީގެ އިތުރުން މި ހަފުތާގެ ކުރީކޮޅު ފިލްމުގެ ކާމިޔާބީ ފާހަގަކުރަން މީޑިއާތަކާ އެކީ ބޭއްވި އިވެންޓެއްގައި ޝާހްރުކް ވެސް ދީޕިކާއަށާއި އޭނަގެ ރޯލަށް ތައުރީފުކޮށްފައިވެ އެވެ.

އެ އިިވެންޓްގައި ޝާހްރުކް ބުނީ ޖެނުއަރީގައި ރިލީޒްކުރި އޭނަގެ "ޕަތާން" ގެ ބަތަލާ އަށް "ޖަވާން" އިން ކެމިއޯއެއް ހުށަހެޅުމަށް ފިލްމުގެ ޓީމުން ކުރި ކަމަކީ "މޮޔަ ހައްދާފައި" ފުލް ފްލެޖް ރޯލެއް ކުޅުވުން ކަމަށެވެ. އަދި އެކަން ދީޕިކާ އަށް ވެސް ރޭކާނުލާ ކަމަށާއި ކުޅުނު ރޯލުގެ ވަރުގަދަކަން އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންނަށް އެނގުނީ ފިލްމު ރިލީޒްކުރި ފަހުން ކަމަށް ޝާހްރުކް ސަމާސާއަކަށް ހަދާފައި ބުންޏެވެ.

"ޖަވާން" ގައި ޝާހްރުކާއި ދީޕިކާގެ ލަވައެއް ވެސް ހިމެނެ އެވެ. އެ ލަވަ އިއްޔެ ޔޫޓިއުބަށް ދޫކޮށްލާފައިވެ އެވެ. ފިލްމުގައި ދީޕިކާ ކުޅުނީ ޝާހްރުކް ކުޅުނު ވިކްރަމް ރާތޯޑްގެ ކެރެކްޓާގެ އަންހެނުން އައިޝްވާރިއާ ރާތޯޑްގެ ރޯލެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުޅުނު ފުރަތަމަ ހިންދީ ފިލްމުން ކުރަން ޖެހުނު ތަޖުރިބާއާ ހެދި ނަޔަންތަރާ ދެން ކައިރި މުސްތަގުުބަލެއްގައި ހިންދީ ފިލްމަކަށް އެއްބަސްވާނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

ޑައިރެކްޓަރު އެޓްލީއާ މެދު އޭނަ ވަރަށް ނުރުހިފައި ހުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔަ ނަމަވެސް އިއްޔެ ފާހަގަކުރި އެޓްލީގެ 37 އުފަން ދުވަހުގެ ތަނުހިޔާ "ޖަވާން" ގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ކޮލާޖްކޮށް އިންސްޓަގްރާމް ސްޓޯރީގައި ކިޔާފައިވެ އެވެ.