Last Updated: July 24, 17:40
Friday, July 24, 2026
މުނިފޫހިފިލުވުން

ޓައިގާ އާއި ސަންޖޭ "މާސްޓާ ބްލާސްޓާ" އަށް

ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފާއި ސަންޖޭ ދަތު "މާސްޓާ ބްލާސްޓާ" ކިޔާ ކޮމެޑީ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ މިއީ ފީރޯޒް ނަދިއަދުވާލާ ޕްރޮޑިއުސްކުރާ އެއްޗެއް ކަމަށާއި ވަރަށް އަވަހަށް ޝޫޓިން ވެސް ފަށަން ޕްލޭންކޮށްފައިވާ ކަމަށެވެ. ނަމަވެސް "މާސްޓާ ބްލާސްޓާ" ޑައިރެކްޓްކުރަނީ ކާކު ކަމެއް އަދި ސާފު ނުވާ އިރު، ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ހޮންކޮންގާއި މަކާއޯ އާއި ޗައިނާގެ އިތުރުން އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

ޓައިގާ، 33، އާ އެކީ ސަންޖޭ، 64، ފިލްމަކަށް ތައްޔާރުވާ އިރު، އޭނަގެ ބައްޕަ ޖެކީ ޝްރޮފާ އެކީ ސަންޖޭ ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ކަލްނަޔަކު" އާއި "ކާޓޫސް" ހިމެނެ އެވެ. އަދި ސަންޖޭ އާއި ޖެކީގައި ވަރަށް އަވަހަށް އެކީގައި "ބާޕް" ކިޔާ ފިލްމަކުން ވެސް ފެނިގެން ދާނެ އެވެ.

ޓައިގާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 20 ގައި ރިލީޒްކުރާ "ގަނަޕަތު: ޕާޓް 1" އެވެ.