Last Updated: April 27, 17:57
Saturday, April 27, 2024
ޚަބަރު

ކޯގަންނަށް ގެއްލުން ދިން މައްސަލަ ބަލަނީ

ރާއްޖޭގެ އެންމެ ގަދީމީ ސަހަރާ ކަމަށްވާ އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަށް މިއަދު ގެއްލުންތަކެއް ދިން މައްސަލަ ހެރިޓޭޖް މިނިސްޓްރީން ބަލަމުން އަންނަ ކަމަށް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

އޭނަގެ މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކޯގަންނު މިއަދުގެ ހުކުރު ނަމާދު ވަގުތުގައި ގަބުރުސްތާންގެ މަހާނަ ގާތަކަކަށް ގެއްލުންދިން މައްސަލާގައި އައްޑޫ ސިޓީ ކައުންސިލާ ވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

"މި ފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ވަރަށް ދެރަ ކަންކަން. ރަށަށާއި އަތޮޅަށާއި ޤައުމަށް ވެސް ލިބޭ ބޮޑު ގެެއްލުމެއް. މިހާރު މިއީ ޤާނޫނީ ކުށެއް. މި މައްސަލަ މިހާރު ބަލަމުން އެބަދޭ." ޔުމްނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކޯގަންނު ގަބުރުސްތާނަށް ގެއްލުންތަކެއް ދީފައިވެ އެވެ. މި ފަހަރު ގެއްލުން ދީފައި މި ވަނީ އެތަނުގެ ސެކިއުރިޓީ ދެ އަހަރުގެ މުއްދަތަކަށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ކައުންސިލުން މި ހަފުތާގައި ބީލަމަށް ވެސް ލާފައި ވަނިކޮށެވެ. ބީލަމަށް ހުޅުވައިލި މުއްދަތު ހަމަވާނީ އަންނަ މަހުގެ 4 އަށެވެ.

ކޯގަންނު ޤަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ ތަނެކެވެ. ވޯލްޑް މޮނިއުމަންޓް ފަންޑަކީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރަން ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދޭ ޖަމާއަތެކެވެ.

އެ ގަބުރުސްތާނަކީ ރާއްޖޭގައި މިހާރު އެންމެ ދުވަސްވީ ގަބުރުސްތާނެވެ. އެ ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ގަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ގަބުރުސްތާނު ވެސް މެ އެވެ.

ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނެވެ. އެތަނުގައި 1،500 އަށް ވުރެ ގިނަ މަހާނަގާ ހުރި އިރު، އޭގެ ތެރޭގައި ހާފިޒުންނާއި ކުރީގެ ދަންނަބޭކަލުންގެ މަހާނަ ގާތައް ވެސް ހިމެނެ އެވެ.

ކޯގަންނު ގަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާއިރު އެ ތަނުގައި ހިރިގަލުން ހަދާފައި ހުރި ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ވެސް ހިމެނޭ މިސްކިތެކެވެ.