ރާއްޖޭގެ ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށްފައިވާ ބިރުވެރި ފިލްމު "ކަޅަކި" އަންނަ މަހުގެ 7 ގައި އޮލިމްޕަހުގައި ޕްރީމިއާކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމަކީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ދެހާސް ނަވާރައިގެ ތެރޭގައި ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ "ކަޅަކި" ގައި ދައްކުވައި ދޭނީ ޗުއްޓީއަކަށް ދާ ގްރޫޕަކަށް އެ މީހުން ތިބޭ ގެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކަކާ ގުޅިގެން، ޗުއްޓީ ދަތުރު ހަރާބުވެގެންދާ ގޮތެވެ.
މީގެ ކާސްޓްގައި ވާޝިޔާ މުހައްމަދު، އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކު، އައިޝަތު ލަމްހާގެ އިތުރުން ޔޫއްޕެ ވެސް ހިމެނެ އެވެ.
އަންނަ މަހުގެ 7 ގައި "ކަޅަކި" ބެލުންތެރިންނަށް ދޫކޮށްލާ އިރު، އޮލިމްޕުގައި މިހާރު ވެސް ދައްކަމުން އަންނަނީ ޔޫއްޕެ ޑައިރެކްޓްކުރި ކޮމެޑީ ފިލްމު "ޖޯކަރު" އެވެ. އޭނަ ކުރިން ގެނެސްދިން ބިރުވެރި ފިލްމުތަކުގެ ތެރޭގައި ފުރަތަމަ ޑައިރެކްޝަން "އެ ދަތުރު" ގެ އިތުރުން "ދައުވަތު" ހިމެނެ އެވެ.
"ކަޅަކި" މި އަހަރު އޮލިމްޕަހަށް އަންނަ ދެވަނަ ބިރުވެރި ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ބިރުވެރި ފިލްމަކީ ލަންކާގެ ކާސްޓަކާ އެކީ ޖުލައިގައި ސީޒަން ގެނެސްދިން "ކައުޝި" އެވެ.
"ކަޅަކި" އަކީ ނިއުމާގެ ވަދާއީ ފިލްމު 2019 ގެ "ނިވައިރޯޅި" އަށް ފަހު އޭނަގެ ޕްރޮޑަކްޝަން ހައުސް، ނިއުޒޯ ފިލްމްސް އިން ގެނެސްދޭ ދެވަނަ ފިލްމެވެ.