Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އާބަންކޯ އިން އީ-ސްކޫޓަރު ތައާރަފުކޮށްފި

އާބަންކޯ އިން ހުޅުމާލެގައި "އާބަން ގްލައިޑް" ގެ ނަމުގައި އީ-ސްކޫޓަރު ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މާދަމާ އިން ފެށިގެން އާންމުންނަށް މި ހިދުމަތް ހުޅުވައިލާނެ ކަމަށެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަދާފައިވާ "އާބަން ގްލައިޑް" ސެންޓަރުގައި، އީ-ސްކޫޓަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި އެ ތަނުގައި ވަނީ އޭގެ ހަތަރު ސްކޫޓަރު ބަހައްޓައިފަ އެވެ. ތިމާވެއްޓާ ރައްޓެހި ސްކޫޓަރު ދުއްވަން ބޭނުންނާ ކޮންމެ މީހަކަށް ވެސް ރަޖިސްޓްރީކޮށް، އެ ބޭނުން ކުރެވޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

އެގޮތުން "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާން ޖެހެ އެވެ.

އާބަންކޯގެ ސްމާޓް.ކޮމްގެ މެނޭޖަރު ސްމާޓް ސޮލިއުޝަން އަހުމަދު ނައުފަލް ޢަބްދުލް ހާދީ އިއްޔެ ވިދާޅުވީ، ތަރުހީބަށް ބަލާފައި ސްކޫޓަރުގެ އަދަދު އިތުރު ވެސް ކުރަމުން ދާނެ ކަމަށެވެ.

"މިފަދަ ސްކޫޓަރުތަކެއް ތައާރަފް ކުރީ ތިމާވެއްޓާ ރައްޓެހި އަދި މީހުން ޝައުގުވެރި ކުރުވަނިބި ކަމެއް ކުރުމުގެ ބޭނުމުގައި،" އޭނަ ވިދާޅުވި އެވެ. "މިވަގުތު ދެ ޑޮކް ބަހައްޓަން ވަނީ ނިންމާފައި. ކޮންމެ ޑޮކެއްގައި ހަތަރު އީ ސްކޫޓަރު ހުންނާނެ. ރަޖިސްޓްރީވެފައި ދުއްވާލަންވީ. ވަރަށް ފަސޭހަ އަދި އާންމުންގެ ތަރުޙީބު ލިބޭވަރަކުން އިތުރު ކުރާނަން."

ބެޓެރިން ޗާޖްކޮށްގެން ދުއްވާ އީ-ސްކޫޓަރުތައް ހުޅުމާލޭގައި ދުއްވަން ވަކި ސަރަހައްދުތަކެއް މަގުތަކުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން އެ ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫ ކުލައިގެ ރޮނގަކުން ފާހަގަކޮށްފައި ހުންނާނެ އެވެ. އަދި އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެ ނަމަ އެލާމް އަޅައި، ހުއްޓޭނެ އެވެ. މި ސްކޫޓަރުތައް ދުއްވާ އިރު، އާބަންކޯ އިން އެ އެއްޗެހީގެ ހަރަކާތްތައް މޮނިޓަކުރަމުންދާނެ އެވެ.

ހުޅުމާލެ "ސްމާޓް ސިޓީ" އަކަށް ހެދުމަށް އާބަންކޯ އިން އަންނަނީ ގިނަ މަސައްކަތްތެއް ކުރަމުންނެވެ.