މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް، އެމެޒޯން ޕްރައިމް ވީޑިއޯގައި އަންނަ އަހަރު އިޝްތިހާރު ހިމަނަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އެ ކުންފުނިން އިއްޔެ ބުނީ ކޮންޓެންޓްތަކުގެ ތެރެއަށް އިޝްތިހާރު ހިމަނައި، އިޝްތިހާރު ނުހިމެނޭ ޕެކޭޖްގެ އަގު ވެސް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ މި ބަދަލު ގެންނާނީ އަންނަ އަހަރުގެ ކުރީކޮޅު އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ކެނެޑާގަ އެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅު ފްރާންސާއި އިޓަލީ އާއި ސްޕެއިނާއި އޮސްޓްރޭލިއާ އަދި މެކްސިކޯ ފަދަ ގައުމުތަކަށް ވެސް އެކަން ތައާރަފުކުރުމަށް ފަހު، ދުނިޔޭގެ އެހެން ހިސާބުތަކުގެ ކަސްޓަމަރުންނަށް މި ބަދަލި ގެންނަ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް އެމެޒޯން ޕްރައިމް ވީޑިއޯ އިން ބުންޏެވެ.
އިޝްތިހާރު އެކުލެވޭ ގޮތަށް ކޮންޓެންޓްތައް ގެނެސްދޭން ނިންމީ އާމްދަނީ އިތުރުކުރުމުގެ ގޮތުންނެވެ.

ދާދި ފަހުން ބައެއް ސްޓްރީމިން ޕްލެޓްފޯމްތައް ބޭނުންކުރާ ސަބްސްކްރައިބަރުންގެ އަދަދު ދަށްވެ، އާމްދަނީ ދަށްވާން ފެށުމުން އެކަން ފޫބެއްދުމުގެ ގޮތުން މިފަދަ ބައެއް ފިޔަވަޅުތައް އަޅާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ނެޓްފްލިކްސް އާއި މިހާރު ވަރަށް ބޮޑަށް ވައިގައި ހިފަމުން އަންނަ ޑިޒްނީ ޕްލަސް ހިމެނެ އެވެ.
އެމެޒޯން އަކީ ނެޓްފްލިކްސްގެ ފަހަތުން އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމެވެ. މިހާރު 200 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ މި ހިދުމަތް ތައާރަފުކުރީ މީގެ 18 އަހަރު ކުރިން 2005 ގަ އެވެ.