ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތަށްފަހު އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 34 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ޕްރިންޓް ކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރުކުރިއަށްދަނީ ޗެކް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް އައި ބޮޑު އަދަދާ ގުޅިގެން ކުރެވުނު މަސައްކަތާއެކު ޝަކުވާ ހުށަހެޅުމަށް އިތުރު އިތުރު އެއްވެސް ވަގުތެއް މިހާރު ދެވެން ނެތް ކަމަށެވެ. ދެވަނަ ބުރަށް 47،000 އަށްވުރެއް ގިނަ ފަރާތްތަކުން ރީރަޖިސްޓްރީ ކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތެއް އިސީން ވަނީ ދީފައެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 09:00 ގެ ނިޔަލަށް ހަމަވާނެއެވެ. ހަބީބް ވިދާޅުވީ މިވަގުތާ ހަމައަށް ލިބުނީ 34 ޝަކުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ފެށިތައް ބެހެއްޓި މަރުކަޒުތަކުގެ ތެރެއިން 43 މަރުކަޒެއް ހުރި ތަންތަން ނޫން އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ. ހަބީބް ވިދާޅުވީ ވޯޓުލާ ބައެއް މަރުކަޒުތައް ހުރިގޮތުން ބައެއް ކަހަލަ ދަތިތައް ދިމާވި ކަމަށާއި، އެ ޝަކުވާތަކާ ގުޅިގެން އެއަށްވުރެއް ރަނގަޅު މަރުކަޒުތަކަށް ބަދަލުކުރަން އެގޮތަށް މަރުކަޒުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެވަނަ ބުރުގައި ވޯޓުލާން ދާންޖެހޭތަން ޗެކުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 12 ފޮއްޓެއް އިތުރުވެފައިވާކަން ފާހަގަކޮށް ހަބީބް ވިދާޅުވީ ދެވަނަ ބުރުގައި ޖުމުލަ 586 ވޯޓު ފޮށި ހުންނާނެކަމަށެވެ. ވޯޓު ފޮށި އިތުރުކުރެވިފައިވަނީ މާލެ، ހުޅުމާލެ ފޭޒް 1 އަދި ފޭޒް2، ވިލިމާލެ އަދި ޓްރެވެންޑްރަމްގައެވެ. މީގެއިތުރުން ހަބީބް ވިދާޅުވީ އީސީގެ ކޮމްޕްލަޔަންސް ބިއުރޯއަށް ޖުމުލަ 146 ޝަކުވާ ހުށަހަޅާފައިވާކަމަށާއި އޭގެތެރެއިން ޖަވާބު ނުދެވި އޮތީ 20 ޝަކުވާއަށް ކަމަށެވެ. މީގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުށަހަޅާފައިވާ ބައެއް ޝަކުވާވެސް ހިމެނޭ ކަަމެވެ.