އަހަރަކު ފަސް ފިލްމު ކުޅެން ބޭނުން ވިޔަސް މިހާރު ކުޅެވެން އޮތީ އަހަރަކު ދެ ފިލްމު ކަމަށް ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު 43 އަހަރު ފުރުނު ބަތަލާ ފިލްމު ކޮމްޕޭނިއަން އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެން ބޭނުންވާ ކަމަށެވެ. އެކަމަކު ދެ ދަރިން ވެސް ތިބުމާ އެކީ، ކުދިންނަށް ވަގުތު ދޭން ޖެހޭތީ ފިލްމީ މަސައްކަތްތަކާއި އާއިލީ ކަންކަން ބެލެންސްކުރަން ބޭނުންވާ ކަމަށް ކާމިޔާބު އެތަައް ފިލްމެއް ކުޅެފައިވާ ކަރީނާ ބުންޏެވެ.
"އަސްލު އަހަރެން ބޭނުންވޭ އަހަރަކު ފަސް ފިލްމު ކުޅެން. އެކަމަކު މިހާރު ކަންތައްތައް ހުރި ގޮތުން ވަގުތު ދެވެން އޮތީ އަހަރަކު ދެ ފިލްމަށް،" އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބުންޏެވެ. "ބޭނުން ވަނީ މަސައްކަތާއި އާއިލާ ބެލެންސްކޮށްގެން ކުރިއަށް ދާން."
ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރަށް މިހާރު 6 އަހަރެވެ. ހަގު ދަރިފުޅު ޖަހާންގީރް (ޖޭ) އަށް 2 އަހަރެވެ.
ހިންދީ ސިނަމާގެ އެންމެ ނުފޫޒު ފަދަ ފިލްމީ އާއިލާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ ބުރާސްފަތީގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ޖާނޭ ޖާ" އެވެ. އޭނަގެ ދެ ފިލްމެއް މިހާރު ވެސް މަސައްކަތް ނިމިފައި އެބައޮތެވެ. އެއީ "ބަކިންހަމް މާޑާސް" އާއި "ދަ ކްރޫ" އެވެ.
ކަރީނާ މިހާރު ވެސް އަންނަނީ އިތުރު ޕްރޮޖެކްޓްތަކަކަށް ޕްރޮޑިއުސަަރުންނާއި ޑައިރެކްޓަރުންނާ އެކީ މަޝްވަރާކުރަމުންނެވެ.