Last Updated: August 13, 11:59
Wednesday, August 13, 2025
ޚަބަރު

ނިޒާމީ ވޯޓު އަންނަ މަހުގެ 29 ގައި

އޮކްޓޫބަރު 29 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މަޝްވަރާ ކުރެވިފައި އޮތްކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދް ތައުފީގް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ ނިޒާމީ ވޯޓު ނެގޭނީ ކޮންދުވަހަކުންތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ފުއާދަ ތައުފީގް ވިދާޅުވީ ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން ކޮމިޝަންގެ ތެރޭގައި މަޝްވަރާ ކުރެވިފައިއޮތީ އޮކްޓޫބަރު 29 ވަނަ ދުވަހު އިންތިހާބު ބާއްވާ ގޮތަށް ކަމަށެވެ.

ފުއާދް ތައުފީގް ވިދާޅުވީ ބަޖެޓް ލިބިއްޖެނަމަ ރިޔާސީ އިންތިހާބު ނިމޭގޮތަށް ނިޒާމީ ވޯޓަށް ހޭލުންތެރިކުރުމުގެ މަސައްކަތް އީސީން ފަށާނެ ކަމަށެވެ.

ނިޒާމީ ވޯޓު ނެގުމަށް ބޭނުންވާ ގަވައިދު އެކުލަވާލުމުގެ މަސައްކަތް އިއްޔެ ކުރެވިފައިވާކަން ފާހަގަ ކުރައްވާ ފުއާދް ވިދާޅުވީ ނިޒާމީ ވޯޓު ނެގުމުގައި އީސީއަށް ކުރެވެން އޮތް އެންމެ ފުޅާމިނުގައި ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. މި ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުއެވެ.

މި ގަރާރުގައި ބުނެފައިވަނީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިއުމަށެވެ.