ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓްމްސްއިން ބުނެފައިވަނީ މިތަކެތި އަތުލައިގެންފައިވަނީ ކުރިއަރ މެދުވެރިކޮށް ޖަރުމަނުވިލާތުން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު 16 ވަނަ ދުވަހު ބަލާ ފާސްކުރި ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާކަމަށެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަސްވާ އެމްޑީއެމްއޭއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 2.2 ކޮލޯގްރާމް ހުރިކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައިވާ ކަމަށެވެ.