ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ސްޓާ ޕްލަސްގެ ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ޕްރޭނާގެ ރޯލު ކުޅުނު ޝްވެތާ ތިވާރީ އާއި ބަޖާޖްގެ ރޯލު ކުޅުނު ރޯނިތު ރޯއި އަލުން އެކީގައި އަންނަން އުޅޭކަމުގެ އިޝާރާތެއް ދީފަ އެވެ.
ދެ ތަރިން އެކީގައި ނަގާފައިވާ ފޮޓޯތަކެއް އެ މީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގައި ހިއްސާކޮށް "ކުރީގެ ޖާދޫ އިޔާދަކުރަނީ" ކަމަށް ބުނެފައިވެ އެވެ. އަދި ވާން މި އުޅެނީ ކީއްތޯ ބަލަން އިންތިޒާރުގައި ތިބުމަށް އެދިފައިވެ އެވެ. މިއާ އެކީ ވަރަށް ގިނަ ފޭނުން ވަނީ ޝްވޭތާ އާއި ރޯނިތު އަލުން އެކީގައި ސިލްސިލާއަކަށް އަންނަނީ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފަ އެވެ. އެހެންވެ މިހާރު އެކަމަށް ކެތްމަދުވެފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކުރި ސިލްސިލާ "ކަސޯޓީ" އަކީ ސްޓާ ޕްލަސް 2001-2008 އަށް ގެނެސްދިން ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ. އޭގައި ޝްވޭތާ އާއި ރޯނިތުގެ އިތުރުން ދެން އެންމެ މުހިއްމު ރޯލެއް ކުޅުނީ އަނޫރާގުގެ ރޯލު ކުޅުނު ސިޒާން ޚާނެވެ.
ސްޓާ ޕްލަސް އިިން މުޅިން ތަފާތު ކާސްޓަކާ އެކީ 2018-2020 "ކަސޯޓީ" ގެ ދެވަނަ ސީޒަނެއް ވެސް ގެނެސްދިނެވެ. އެކަމަކު އެއީ ފުރަތަމަ ސީޒަނާ ގާތްކުރާ ވަރުގެ ތަރުހީބެއް ވެސް ލިބުނު އެއްޗެއް ނޫނެވެ.