މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިވަގުތު ބޭނުންވަނީ ފުޓުބޯޅައަށް ފޯކަސް ކުރަން ކަމަށް އޭނާ ހާމަކޮށްފިއެވެ.
އަލީ ވަހީދު މިކަން ހާމަކޮށްފައި މިވަނީ ދާދި ފަހުން ޖުމުހޫރީ ޕާޓީން ވަކިވުމަށް ފަހު، ދެން ކުރިއަށް ދާނެ ގޮތެއް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އިޖްތިމާޢީ ހައްލެއް ކަަމެށާއި، އިންތިހާބުގެ ދެވަނަ ބުރުގައި ވިސްނުން ހުރިގޮތް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. އަދި މިހަރު ފޯކަސް ބޮޑަށް ހުރީ ފުޓުބޯޅައަށް ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑުގެ ނިންމުމަކީ ފުޓުބޯޅައަށް ބޮޑަށް ފޯކަސް ކުރުން. ދިވެހި ފުޓުބޯޅައިގެ އާ ޖީލެއް ބިނާކޮށް ޒުވާން ޖީލަށް އިންޤިލާބީ ބަދަލެއް ގެނައުމަކީ ކޮންކްރީޓަށްވުރެ މުހިންމުކަމެއް. ޤައުމަށް ބޭނުމީ އިޖުތިމާޢީ ހައްލެއް. " އޭނާ ވިދާޅުވިއެވެ.
އޭނާ އަކީ މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ ކަން ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި އަދާ ކުރެއްވި ފަރާތެކެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ. އެ މައްސަލަ ކޯޓު މަރުހަލާގައި އޮތްވާ އޭނާ އިނގިރޭސި ވިލާތައް ދިޔައެވެ. އަދި އަނބުރާ އައި ޕީޖީ މައްސަލަ އަނބުރާ ނެގުމުންނެވެ.
We have kicked off!#AtollsFC#BreakTheBarriers#Maldives pic.twitter.com/fNwGPNLnZp
— Atolls FC (@AtollsFc) July 21, 2023
އަލީ ވަހީ މިއަހަރު ޖުލައި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާ ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް ފޯކަސް ހުރި ފުޓުބޯޅައަށް ކަމަށެވެ. އެގޮތުން އޭނާގެ އުފަން ދުވަހު ޖުލައި 20 ވަނަ ދުވަހު ވަނީ ދިވެހި ފުޓުބޯޅައަށް އައު ކްލަބެއް އެޓޯލްސް އެފްސީގެ ނަމުގައިވެސް ތަޢާރަފްކޮށްފައެވެ.
އޭގެ ފަހުން ރިޔާސީ އިންތިހާބާއި ދިމާކޮށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިންތިހާބަށް ކުރިމަތިލެއްވުމުން އަލީ ވަހީދު ވަނީ ޤާސިމްގެ އިންތިހާބީ އޭޖެންޓުކަން ކުރައްވާފައެވެ.
އަލީ ވަހީދު އެނާގެ އަމިއްލަ ކްލަބާއިގެން ކުރިއަށްދާން ގަސްތުކޮށްފައިވާއިރު، އޭނާ އަކީ އިންގިރޭސި އެފްއޭގެ ލެވެލް 2 ކޯޗެކެވެ. އޭނާ އިންގިރޭސި ވިލާތުގައި ހުންނެވި ދުވަސްވަރު ކޯޗުކަން ކޮށްދިން ކްލަބަށް ވަނީ ރަނގަޅު ނަތީޖާއެއް ހޯދައި ދީފައެވެ.