Last Updated: May 20, 06:07
Monday, May 20, 2024
ޚަބަރު

ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔަ 10 އަހަރު އާމި ނިޔާވެއްޖެ

އާމި / ފޮޓޯ: މިހާރު

ކެންސަރު ބަލިއަށް ފަރުވާ ހޯދަމުންދިޔަ ރެހެނދި ސްކޫލުގެ ދަރިވަރު އުމުރުން 10 އަހަރުގެ އާމިނަތު އަލީ އާދަމް (އާމި) ނިޔާވެއްޖެއެވެ.

އޭނާ ނިޔާވިއިރު ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗްގައި ކަމަށް މައުލޫމާތު ލިބެއެވެ. އޮވޭރިއަން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އާމި އިތުރު ފަރުވާއަށް އިންޑީއާއަށް ވެސް ގެންދިޔަ ނަމަވެސް، އެތައް ސާޖަރީއެއް ފަހުންވެސް އޭނާގެ ކެންސަރު ފެތުރެމުން ދިއުމުން އިންޑިއާ ހޮސްޕިޓަލުން ވަނީ އުއްމީދު ކަނޑާލާފައި ކަމަށް، "މިހާރު" ނޫހުން ވަނީ އާއިލާ މީހަކާއި ހަވާލާދީ ރިޕޯޓް ކޮށްފައެވެ.

ހުޅުމާލެ ރެހެނދި ސްކޫލުގައި ގްރޭޑް 5 ބީ ގައި ކިޔަވަމުން ދިޔަ ދަރިވަރު، އާމި އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މިދިޔަ އަހަރުއެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 22:30 ގައި ހުޅުމާލެ ސަހަރާގައި އޮންނާނެއެވެ.

އޮވޭރިއަން ކެންސަރަކީ އާންމުކޮށް ބޮޑެތި އަންހެނުންނަށް ޖެހޭ ބަލިއެކެވެ. އަދި ކުޑަކުދިންނަށް މި ބަލި ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެއް ވެއެވެ.