Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ސިޓީ ސްކެއާ އަށް އެއްވުން މަނާ: ޕޮލިސް

އައްޑޫ ސިޓީ ސްކެއާ އަށް އެއްވުމަކީ މަނާކަމެއް ކަމަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުނެފި އެވެ.

އައްޑޫ ސިޓީގެ އެމްޑީޕީ ސަޕޯޓަރުން ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލުމަށް ސިޓީ ސްކެއާ އަށް މިއަދު ހަވީރު ގޮވާލާފައި ވާތީ އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ހިތަދޫ ޕޮލިހަށް ގުޅާލުމުން އެ ފަރާތުން ވިދާޅުވީ، ސިޓީ ސްކެއާ ގައި މުޒާހަރާ ނުކުރެވޭނެ ކަމަށާއި އެއީ މަނާ ކަމެއް ކަމަށެވެ.

"ސިޓީ ސްކެއާ ގަ މުޒާހަރާ އެއް ނުކުރެވޭނެ. އެއީ މަނާކަމެއް. ސިޓީ ސްކެއާ އާއި 50 ފޫޓު ދުރުގައި މުޒާހަރާ ކުރެވިދާނެ،" ހިތަދޫ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން ސަރަހައްދުގެ އިތުރުން ސ.ގަމާއި ފޭދޫ ގުޅޭ ކޯޒްވޭގައި ވެސް ފުލުހުން ވަނީ ބެރިކޭޑް ޖަހައި މުޒާހަރާއަށް ތައްޔާރުވެފައެވެ.

ހިތަދޫ ޕޮލިހުގައި މަސައްކަތް ކުރައްވާ ފުލުހަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުނިގޮތުގައި މިވަގުތު އައްޑޫ ސިޓީގައި މަސައްކަތް ކުރާ ޕޮލިހުން ތިބީ "އެލާޓް"ގައެވެ.