ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ބާސެލޯނާ އިން 3-2 އިން ސެލްޓަވީގޯ އަތުން މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ހަ މެޗުން ލިބުނު 16 ޕޮއިންޓާ އެކު ބާސާ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ޖިރޯނާ އޮތްއިރު ބާސާ އަށް އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ތިންވަނައިގައި ފަސް މެޗު ކުޅެގެން ލިބުނު 15 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑް އެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ 19 ވަނަ މިނެޓްގައި ސްޓްރެންޑް ލާސަން ވަނީ ސެލްޓަވީގޯ އަށް ލީޑު ނަގައިދީފަ އެވެ. ނަތީޖާ އެއްވަރުކޮށްލަން ބާސާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު މެޗުގެ 76 ވަނަ މިނެޓްގައި ސެލްޓަވީގޯ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ޓަސޮސް ޑޫވިކާސް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ބާސާގެ ފުރަތަމަ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ މެޗުގެ 81 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިނީ ވެސް ލެވެންޑޯސްކީ އެވެ. މި ގޯލަށްފަހު ލީޑު ނަގަން ބާސާ އިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 89 ވަނަ މިނެޓްގައި ޖައޯ ކަންސެލޯ ވަނީ އެޓީމަށް ލީޑު ނަގައިދީ މި މެޗުން ބާސާ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.
ލީގުގެ އެއްވަނަ އަށް އަލުން އަރަން ރެއާލުން މިރޭ ރަށުން ބޭރުގައި ނިކުންނާނީ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.