އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 2-0 އިން ކުރިހޯދި މެންޗެސްޓާ ސިޓީން ލީގުގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި އެވެ.
ޖެހިޖެހިގެން ހޯދި ހަވަނަ މޮޅާއެކު ސިޓީ އޮތީ 18 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި ފަސް މެޗު ކުޅެގެން ލިބުނު 13 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު އެޓީމުން މިރޭ ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ ހަތްވަނަ މިނެޓްގައި ސިޓީ އަށް ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. ފޮޑެން މި ގޯލު ކާމިޔާބު ކުރީ ފޮރެސްޓްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަދި އޭގެ ހަތް މިނެޓް ފަހު ސިޓީގެ ދެވަނަ ގޯލު އާލިން ހާލަންޑް ކާމިޔާބުކުރީ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ދެވަނަ ހާފް ފެށުނުތާ މާގިނަ އިރުތަކެއް ނުވެ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ދެވަނަ ހާފްގެ ބޮޑުބައި ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ. ރޮޑްރީ އަށް ރަތްކާޑު ދެއްކީ ފޮރެސްޓްގެ މޯގަން ގިބްސް ވައިޓަށް ހަމަލާދިނުމާ ގުޅިގެންނެވެ.
ދެވަނަ ހާފްގައި ފޮރެސްޓުން ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއިރު އެ ހަމަލާތައް ދިފާއުކުރުމުގައި ސިޓީގެ ގޯލްކީޕަރު އެޑަސަންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ބާންލީގެ މައްޗަށް 1-0 އިން ކުރި ހޯދާފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޔުނައިޓެޑަށް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. މި މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ 9 ޕޮއިންޓާ އެކު ލީގުގެ 8 ވަނަ އަށް އަރާފަ އެވެ.
މީގެއިތުރުން ރޭ އެވަޓަން އިން 3-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު ވުލްވްސްއާ 1-1 އިން އެއްވަރުކޮށް ލޫޓަން ޓައުން އިން ވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ ޕޮއިންޓް ހޯދައިފަ އެވެ. އަދި ކްރިސްޓަލް ޕެލެސް އާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.