Last Updated: July 24, 17:36
Friday, July 24, 2026
މުނިފޫހިފިލުވުން

އެމާ އޮކްސްފޯޑް ޔުނިވަސިޓީގައި ކިޔަވަނީ

"ހެރީ ޕޮޓާ" ގެ ފިލްމުތަކުން އާންމުންގެ ސަމާލުކަން ހޯދި ހޮލީވުޑްގެ ބަތަލާ އެމާ ވަޓްސަން މާސްޓާސް ޑިގްރީއަކަށް އޮކްސްފޯޑް ޔުނިވަސިޓީގައި ކިޔަވަން ފަށައިފި އެވެ.

މީޑިއާތަކުން ބުނެފައި ވަނީ 33 އަހަރުގެ އިނގިރޭސި ބަތަލާ ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނޭ އޮކްސްފޯޑްގައި ކިޔަވަނީ "ޕާޓް-ޓައިމްކޮށް" ކަމަށެވެ. އަދި އެމާގެ ކިޔެވުމުގެ ބޮޑުބައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ދަ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްސްފޯޑްގައި ކިޔަވަން ފެށުމާ ގުޅިގެން އެމާ ވަނީ އޭނަގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފަ އެވެ. ސަބަބަކީ ސެލެބްރިޓީއަކަށްވެފައި، ޔުނިވަސިޓީ އަށް ހާޒިރުވާން މަޖުބޫރުވާ ހާލަތްތަކުގައި ސަލާމަތީ ސަބަބުތަކާ ހެދި އެވެ.

އެމާ އޮކްސްފޯޑްގައި މާސްޓާސް ޑިގްރީއަކަށް ކިޔަވަން ފެށި އިރު، އޭނަ ވަނީ 2014 ގައި ބްރައުން ޔުނިވަސިޓީން އިންގްލިޝް ލިޓްރޭޗާ އިން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފަ އެވެ.

"ބިއުޓީ އެންޑް ދަ ބީސްޓް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެމާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ލިޓްވް ވިމެން" އެވެ.