Last Updated: May 10, 20:45
Sunday, May 11, 2025
ޚަބަރު

ބަތަލާ ރިޝްފާ ޕީޕީއެމަށް ސޮއިކޮށްފި

ރާއްޖޭގެ ފިލްމީ ބަތަލާ އައިމިނަތު ރިޝްފާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.

އޭނަ އެ ޕާޓީ އަށް ސޮއިކޮށް، ފޯމް ހަވާލުކޮށްފައި ވަނީ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ކެމްޕޭން އިވެންޓެއްގައި ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް ވެސް ރޭގެ އެ އިވެންޓްގައި ޕީޕީއެމަށް ސޮއިކޮށް ފޯމް ހަވާލުކޮށްފައިވެ އެވެ.

ރިޝްޕާ މުއިއްޒަށް ތާއީދުކުރަން ނިންމި އިރު، އެކްޓަރު އަލީ ސީޒަނަކީ ވެސް މުއިއްޒަށް ތާއީދުކުރާ ތަރިއެކެވެ.

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ފަހުން ދޫކޮށްލި ރިޝްފާ އަކީ ރާއްޖޭގެ ބަތަލާއިންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ސީޒަންއާ އެކީ ކުޅުނު އަދި މި އަހަރުގެ މެއި މަހު ރިލީޒްކުރި "ލޯބިވެވިއްޖެ" އެވެ. ރިޝްފާ މުހިއްމު ރޯލެއް ކުޅެފައިވާ ބިރުވެރި ފިލްމު "ކަޅަކި" އަންނަ މަހުގެ 7 ގައި އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.

މިހާތަނަށް ވަރަށް ގިނަ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ތާއީދުކުރަން ނިންމާފައިވެ އެވެ.