އިރާނާ އެކީ ރާއްޖެ އިން ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފި އެވެ.
ހަތް އަހަރުގެ މެދު މެދުކެނޑުމަކަށް ފަހު ދެ ގައުމުން ސިޔާސީ ގުޅުން ގާއިމުކޮށް އެކަން އިއުލާންކޮށްފައި ވަނީ އދ. ގެ އާންމު ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޚަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲހީޔަންއާ އެކީ ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.
މިކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ކުރިއެރުމަށްޓަކައި ކަމަށާއި މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިންވެސްޓުމަންޓާއި ވިޔަފާރި އާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސް ވެސް ވެވިފައިވާ ކަމަށެވެ.
އިރާނާ އެކީ ރާއްޖެ އިން ގާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގެ ކުރީކޮޅު އެވެ. ސަރުކާރުން އޭރު އެގޮތަށް ނިންމީ ގަލްފު ސަރަހައްދުގެ ސުލްހަ އަށް އިރާނުން ހުރަސްއަޅާ ކަމަށް ބުނެ އެވެ.
ޔާމީންގެ ވެރިކަމުގައި ގުޅުން ކެނޑި ގައުމުތަކުގެ ތެރޭގައި ގަތަރު ވެސް ހިމެނެ އެވެ. ނަމަވެސް 2021 ގައި އެގުޅުން އިޔާދަކޮށްފައިވެ އެވެ.