Last Updated: July 24, 17:40
Friday, July 24, 2026
މުނިފޫހިފިލުވުން

ސަނީ އަށް އޮފާތައް އޮހެނީ

މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ގަދަރު 2" އަށް ފަހު، ބަތަލު ސަނީ ޑިއޯލް އަށް ފިލްމި އޮފާތައް އޮހެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމުގެ ކާމިޔާބީއާ ގުޅިގެން 66 އަހަރުގެ އެކްޓަރުގެ ކުރީގެ ކާމިޔާބު ފިލްމުތަކެއްގެ ދެވަނަ ބައި ހަދަން އުޅޭ ވާހަކަ ވެސް މިހާރަކަށް އައިސް އަންނަނީ ދެކެވެމުންނެވެ. އޭގެ ތެރޭގައި 1997 ގެ "ބޯޑާ" އާއި 2002 ގެ ފިލްމު "މާ ތުޖޭ ސަލާމް" ގެ އިތުރުން 2003 ގެ "ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި" ގެ ދެވަނަ ބައިގެ ވާހަކަ ހިމެނެ އެވެ.

މި ފިލްމުތަކުގެ ތެރެއިން "ހީރޯ" އަކީ "ގަދަރު" ގެ ދެ ފިލްމު ވެސް ހެދި ޑައިރެކްޓަރު އަނިލް ޝަރުމާ ހެދި ފިލްމެކެވެ. ސަނީ އާއި އޭނަގެ ބައްޕަ ދަރުމެންދުރާގެ އިތުރުން ކޮއްކޮ ބޮބީ ޑިއޯލް ހިމަނައިގެން އަނިލް 2007 ގައި ގެނެސްދިން "އަޕްނޭ" އަކީ ވެސް ސީކްއެލްއެއް ހަދަން 2021 ގައި އިއުލާންކޮށްފައިވާ އެއްޗެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަނިލް މިހާރު އަންނަނީ ސަނީއާ އެކީ އިތުރު އާ ޕްރޮޖެކްޓަކަށް މަޝްވަރާ ކުރަމުންނެވެ.

ސަނީ އަށް މިހާރު އޮފާތައް ލިބެމުން އަންނަ ޑައިރެކްޓަރުންގެ ތެރޭގައި "ބޯޑާ" ގެ ޑައިރެކްޓަރު ޖޭޕީ ދައްތާ އާއި ސަނީގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދާމިނީ" އާއި "ގާޔަލް" އަދި "ގަތަކު" ގެ ޑައިރެކްޓަރު ރާޖްޖުމާރު ސަންތޯޝީ ހިމެނެ އެވެ.

މި އަހަރުގެ ކުރީކޮޅު ސަަންތޯޝީ ބުނެފައިވާ ގޮތުގައި ސަނީއާ އެކީ ފިލްމެއް ހަދަން އޭނަ އަންނަނީ މަޝްވަރާކުރަމުންނެވެ.

ސަނީ އަށް މިހާރު ފިލްމެއް ހުށަހަޅާފައިވާ ޑައިރެކްޓަރުންގެ ތެރޭގައި އައްބާސް-މަސްތާން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ކިލާޅީ" އާއި "ބާޒީގާރް" އާއި "ބާދުޝާ" އާއި "ރޭސް" އަދި "ހަމްރާޒް" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން އެ ދެ ޑައިރެކްޓަރުންނާ އެކީ ސަނީ އަދި މިހާތަނަށް މަސައްކަތްކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ރޯހިތު ޝެޓީގެ އިތުރުން ސަނީގެ 1993 ގެ ފިލްމު "ޑަރު" އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވެސް ހުށަހެޅުންތަކެއް ލިބިފައިވެ އެވެ.

ނަމަވެސް ސަނީ އަދި އެއްވެސް އާ ފިލްމަކަށް ސޮއެއްނުކުރެ އެވެ. އެކަމަކު ހަފުތާއެއްހާ ދުވަސް ކުރިން އޭނަ ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގައި އަދާކުރަމުން އަންނަ މެމްބަރެއްގެ ދައުރު އަންނަ އަހަރުވުމުން، ދެން ސިޔާސީ ދާއިރާ ދޫކޮށްލައި، ފިލްމީ މަސައްކަތްތަކަށް ފޯކަސްކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ސަނީ ދެން އެންމެ އަވަހަށް ފެންނާނީ "ބާޕް" ކިޔާ ފިލްމަކުންނެވެ. މީގެ ކާސްޓްގައި ސަންޖޭ ދަތާއި ޖެކީ ޝްރޮފާއި މިތުން ޗަކްރަބަތީ ވެސް ހިމެނެ އެވެ.