ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން މިހާރު ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް ސޯލިހާ ރައީސް ނަޝީދާ ބައްދަލުކުރައްވާފައިމިވަނީ އެކީގައި ދެބޭފުޅުން ބައްދަލުނުކުރައްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހުއެވެ. ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިފައިވަނީ 39 ޕަސެންޓެވެ. އެމަނިކުފާނު އަންނަނީ ތާއީދު ހޯދުމަށް އެކި ސިޔާސީ ފަރާތްތަކާއެކު މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރައްވަމުންނެވެ.
ދެ ރައީސުން ބައްދަލުކުރައްވާއިރު ނިޒާމީ ވޯޓެއް އޮކްޓޫބަރު 30 ގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ނިޒާމީ ވޯޓް އޮކްޓޫބަރު 29 ވަނަ ދުވަހު ނެގުމަށް ނިންމާފައިވާކަމަށާއި އެކަމަށް ބޭނުންވާ ބަޖެތް ހަމަޖެހުމުން ރިޔާސި އިންތިހާބު ނިމޭގޮތަށް އެ މަސައްކަތް ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.