ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކިއަތަކަށް ނާރަން ނިންމާފައި އޮތުމުން އެގޮތުގައި ތިއްބަވާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ދެ ރައީސުންގެ މަޝްވަރާތަކަށްފަހު ނިކުމެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދެ ރައީސުން މަޝްވަރާ ކުރީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން މިފަހުން ފާސްކުރި ނިޒާމީ ވޯޓެއް ނެގުމުގެ ކަންކަމުގައި ކުރިއަށްދާނެ ގޮތަކާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކަންކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކި އަތަކަށް ނާރާގޮތަށް ނިންމާފައި އޮތުމުން އެގޮތުގައި ތިއްބަވާނެކަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވިކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ޑިމޮކްރެޓްސްއިން ވަކި އަތަކަށް ނޭރިނަމަވެސް ރައީސް ނަޝީދު ރައީސް ސޯލިހަށް ތާއީދުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ސޯލިހް ވިދާޅުވީ އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި އެހެންނަމަވެސް ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށެވެ.
ނިޒާމީ ވޯޓާގުޅިގެން ވެސް މަޝްވަރާ ކުރެވުނުކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ވާހަކަ ދެކެވުނީ މިހާރު މިވަގުތު އެކަމުގެ އިތުރު ތަފްސީލުގެ ވާހަކަ ނުދައްކާ ދެވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެކަމަށް ނުދިއުމަށް ކަމަށެވެ.
"މިހާރު އެހަށް އެވާހަކަ އިތުރު ތަފްސީލުގެ ވާހަކަ ނުދައްކާ، ދެވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެއަށް ނުދިއުމަށް، އެ ވާހަކަ ނުދެއްކުމަށް. އަދި އޭގެފަހުން ހަމަ ނިމުމާއެކު އަދި ކޮންމެގޮތަކަށް އިންތިހާބު ނިމުނުކަމަށްވިއަސް އެ މަސައްކަތްތައް ފަށައިގަންނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް އަދި ރައީސް ނަޝީދުގެ ކުރު މަޝްވަރާއެއް ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔައިރު، ދެބޭފުޅުން ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިމިވަނި ދުވަސްތަކަކަށް ފަހުއެވެ.