Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

ސިފައިންގެ ފްލެޓާ ގުޅޭ ގޮތުން ދޮގު ވާހަކަ ނުފަތުރާ

ސިފައިންގެ ފްލެޓާއި ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުން ހުއްޓާލުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

ސިފްކޯ ހިޔާ އާއިގުޅޭ ގޮތުން ބައެއް ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެ އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ، ކުރިންވެސް ހާމަކުރައްވާފައިވާ ފަދައިން ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ލިބިލައްވާ ފަރާތްތަކަށް ތަން ހަވާލުކުރުމަށްޓަކައި އެޕާޓްމެންޓްތަކުގެ އެލޮކޭޝަން ހެދުމަށްޓަކައި ގުރުއަތުލުން ބާއްވައި އެލޮކޭޝަންގެ ކަންކަންވަނީ ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެގްރިމެންޓްތައް ހެދުމުގެ ކުރިން، އެޕާޓްމެންޓްތައް އެކެއް އަނެކެއްގެ އެޕާޓްމެންޓާއި ބަދަލުކުރުމުގެ ފުރުސަތުދީ އެލޮކޭޝަންގެ ކަންކަން އެއްކޮށް ނިމުމާއެކު މިހާރު އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފެށިފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް 68 ފަރާތަކާއި އެގްރިމެންޓްކުރެވި، 10ފަރާތަކަށް ތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު 22 ފަރާތަކަށް މިއަދުގެ ވަގުތެއްގައި ތަޅުދަނޑި ޙަވާލުކުރެވިގެންދާނެ ކަމަށެވެ.

ސިފްކޯ ހިޔާގެ ފްލެޓްތައް ލިބިލައްވާ ފަރާތްތަކާއި ތަން ހަވާލުކުރުމަށްޓަކައި މިވަގުތު ހިދުމަތުގައި ތިއްބެވި ސިފައިންނާއިއެކު އެގްރިމެންޓްކޮށް ނިމުމާއެކު ހިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފެށޭނެ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އަދި އެގްރިމެންޓްތަކުގައި ސޮއިކޮށް ތަން ހަވާލުކުރުމުގައި ސިފްކޯގެ މުވައްޒަފުން އެއްވެސް ވަރުބަލިކަމެއްނެތި މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ވަނީ ސިފްކޯ ހިޔާގެ މައުލޫމާތުތައް ފްލެޓްތައް ލިބިލައްވާ ފަރާތްތަކަށާއި މީޑިއާއަށް ފޯރުކޮށްދެމުން ދަނިކޮށް، ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަޤީޤަތާއި ހިލާފު ވާހަކަތައް ހުއްޓާލުމަށް އިލްތިމާސް ކޮށްފައެވެ.