Last Updated: May 6, 20:00
Monday, May 6, 2024
ދުނިޔެ

ވާވޭގެ ފޯކަސް ދެން އެންމެ ބޮޑަށް އޭއައި އަށް

ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި، ވާވޭގެ ފޯކަސް ދެން އެންމެ ބޮޑަށް އޮންނާނީ އާޓިފިޝަލް އިންޓެލިޖެންސް އޭއައި) އަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ޝަންހާއީގައި ބޭއްވި ކުންފުނީގެ އިވެންޓެއްގައި ވާވޭގެ ޗެއާވުމަން/ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޒޫ ވިދާޅުވީ މުޅި ދުނިޔޭގައި ވެސް މިހާރު އޭއައިގެ ނުފޫޒު ބޮޑުވަމުން އަންނަ އިރު، ވާވޭގެ ކުރިމަގު ބައްޓަންކުރުމުގައި އޭއައި ދެން ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެ ދާއިރާ ފުޅާކޮށް، ކުރިއެރުންތަކެއް ހޯދަން ސްޓްރެޓިކް ޕްލޭނެއް ވެސް އެކުލަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"މީގެ ސަބަބުން އެތައް ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ." މެންގް ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ވާވޭގެ އަމާޒަކީ އޭއައި ކޮމްޕިއުޓިން ދާއިރާ މުޅި ދުނިޔެ ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

މިހާތަނަށް ވާވޭ އެންމެ ބޮޑަށް ފޯކަސްކުރި ދާއިރާތަކުގެ ތެރޭގައި ކްލައުޑް ކޮމްޕިއުޓިން އާއި އިންޓެލެކްޗްއަލް ޕްރޮޕަޓީ ހިމެނެ އެވެ. ވާވޭ އަކީ ސްމާޓްފޯނު އުފެއްދުމާއި 5ޖީ ނެޓްވޯކް ފަދަ ޒަމާނީ ޓެކްނޮލޮޖީއާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރާ ނުފޫޒު ގަދަ ކުންފުންޏެކެވެ.

ވާވޭ ވުޖޫދަށް އައީ މީގެ 36 އަހަރު ކުރިން 1987 ގަ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 208،000 އަށް ވުރެ ގިނަ އެވެ.