Last Updated: May 11, 15:16
Sunday, May 11, 2025
ކުޅިވަރު

އާސެނަލް-ޓޮޓެންހަމް އެއްވަރު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ޗެލްސީ 1-0 އިން އެސްޓަންވިލާ އަތުން ބަލިވެއްޖެ އެވެ.

މި ނަތީޖާތަކާއެކު އާސެނަލް އާއި ޓޮޓެންހަމަށް ވެސް ވަނީ ހަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ފަސްވަނައިގައި އޮތްއިރު ގޯލުގެ ތަފާތުން ކުރި ހޯދައިގެން ހަތަރުވަނައިގައި އޮތީ ޓޮޓެންހަމް އެވެ. ޗެލްސީ އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ. އެސްޓަންވިލާ އޮތީ 12 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އާސެނަލުންނެވެ. އެގޮތުން މި ގޯލަކީ މެޗުގެ 26 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށްފަހު ޓޮޓެންހަމުން ކުޅުން ރަނގަޅުކޮށް އާސެނަލްގެ ގޯލަށް ދިޔައީ ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 42 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ކެޕްޓަން ސޮން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާ ވަނީ އާސެނަލަށް އަލުން ލީޑު ނަގައިދީފަ އެވެ. މިއީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރެއިން ރޮމޭރޯގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން އާސެނަލަށް ލިބުނު ޕެނަލްޓީއެކެވެ. އާސެނަލުން މި ގޯލު ކާމިޔާބު ކުރިތާ މިނެޓެއް ފަހުން ޓޮޓެންހަމުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ސޮން އެވެ.

މި މެޗު އެއްވަރުވެގެން ނިމުނުއިރު އާސެނަލް އާއި ޓޮޓެންހަމް ލީގުގައި އަދި ބަލިވެފައެއް ނުވެ އެވެ.

އެސްޓަންވިލާ އަތުން ޗެލްސީ މިރޭ ބަލިވިއިރު ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ދެ މެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ހާފާއި ދެވަނަ ހާފްގެ ކުރީކޮޅު ވެސް ލީޑު ނަގަން ޗެލްސީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 58 ވަނަ މިނެޓްގައި ޑިފެންޑަރު މަލޯ ގުސްޓޯ އަށް ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. ގުސްޓޯ އަށް ރަތްކާޑު ދެއްކީ އެސްޓަންވިލާގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ބާކީބައި ޗެލްސީން 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުނުއިރު މި މެޗުން އެސްޓަންވިލާ މޮޅުވި ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސް އެވެ. މިއީ އެސްޓަންވިލާ އިން ލީގުގައި ޖެހިޖެހިގެން ހޯދި ދެވަނަ މޮޅެވެ.