ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކޯގަނޑު ގަބުރުސްތާނުގައި ހުރި ދުވަސްވީ މަހާނަ ގާތަކަށް ގެއްލުން ދިން މައްސަލަ ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ބަލަމުންދާ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފިއެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރުމާއި ބެހޭ ޤައުމީ މަރުކަޒުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ، ހުކުރު ދުވަހު މެނދުރު މިކަން ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު މިމައްސަލަ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިމައްސަލަ ފުލުހަށް މިހާރު ހުށަހަޅާފައިވާއިރު، މިކަން ކުރި ބައެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނުގައި ވާ ގޮތުގެ މަތިން ހިމާޔަތްކޮށްފައިވާ ތަނަކަށް ގެއްލުން ދިނުމާއި ގުޅިގެން ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.
އެ މަރުކަޒުގެ ބަޔާނުގައި ކޯގަންނަކީ ވޯލްޑް މޮނިއުމެންޓް ފަންޑުން އެކުލަވާލާފައިވާ ވޮޗް ލިސްޓުގައި މިދިޔަ އަހަރު ހިމެނިފައިވާ ތަނެއްކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ސަރަހައްދުގައި ހުރި އާސަރު މިސްކިތެއް ކަމަށްވާ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.
މިހުރިހާ ކަމާކާއިއެކު، މިތަނަށް ލިބޭ މިފަދަ ކޮންމެ ގެއްލުމެއް ބޭރުގެ ޖަމާޢަތްތަކަށް އަދާހަމަކޮށްދެއްމުން ދާ ކަމަށް ތަރިއާއި ބެހޭ މަރުކަޒުން ވަނީ ބުނެފައެވެ. މީގެ އިތުރުން ތަން ހިމާޔަތް ކުރުމަށް ކޯގަންނު ގަބުރުސްތާނު ކުރިމަތިން އޮތް ހުސް ބިމުގައި މިއުޒިއަމެއް ތަރައްޤީ ކުރުމަށް ކޮންސެޕްޓް ކުރަހައި މިހާރު ނިމިފައިވާކަން ވަނީ ހާމަކޮށްފައެވެ.
ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދީފައި މިވަނީ އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް، މީހުން ހޯދުމަށް އައްޑޫސިޓީ ކައުންސިލުން އިއުލާންކޮށްފައިވަނިކޮށެވެ.