ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ލީގުގެ ފަސްވަނަ އަށް އަރައިފި އެވެ.
މި މޮޅާއެކު ލީގުގެ ފަސްވަނައިގައި ރެއާލް އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. ރެއާލް އޮތީ 15 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 16 ޕޮއިންޓާ އެކު ޖިރޯނާ އޮތްއިރު އެއްވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ގޯލުގެ ތަފާތުން ކުރި ހޯދައިގެން އޮތީ ބާސެލޯނާ އެވެ.
އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ އެތްލެޓިކޯ އަށް ލީޑު ނަގައިދީފަ އެވެ. މޮރާޓާ މި ގޯލު ކާމިޔާބު ކުރީ ޑިއާސް ލީނޯ ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 18 ވަނަ މިނެޓްގައި އެންޓުއާން ގްރިޒްމަން އެތްލެޓިކޯގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އެތްލެޓިކޯގެ ދެ ގޯލަށްފަހު ރެއާލުން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 35 ވަނަ މިނެޓްގައި ޓޯނީ ކްރޫސް ވަނީ ރެއާލަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ކްރޫސް މި ގޯލު ކާމިޔާބު ކުރީ އެތްލެޓިކޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މޮރާޓާ ވަނީ އެތްލެޓިކޯގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އަނެއްކާވެސް ފުޅާކޮށްދީފަ އެވެ.
ދެވަނަ ހާފްގައި އެތްލެޓިކޯ އިން ވަރަށް ޑިފެންސިވް ކުޅުމެއް ކުޅުނުއިރު ރެއާލަށް ވަނީ އެޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.