ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ބައިވެރިޔާ ރާގަވް ޗައްޑާ ކައިވެނިކޮށްފި އެވެ.
މި އަހަރުގެ މެއި މަހުގެ 13 ގައި އެންގޭޖްވި މި ދެ މީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް އިއްޔެ ހަވީރު ބޭއްވީ އުދައިޕޫރްގަ އެވެ. އެ ހަފުލާގައި ޕަރިނީތީ، 34، އާއި ރާގަވް، 34، ގެ އާއިލާގެ މީހުންނާއި އެ މީހުންގެ ގާތް ރައްޓެހިންގެ އިތުރުން ބޮލީވުޑްގެ ބައެއް މީހުންނާއި ސިޔާސީ ދާއިރާގެ ބައެއް މީހުން ވެސް ހިމެނެ އެވެ.
ރާގަވް އަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ ލީޑަރެކެވެ. އޭނަ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެއް ވެސް މެ އެވެ.
ޕަރިނީތީ ކައިވެނިކުރި އިރު، އޭނަ ރޯލެއް ކުޅެފައިވާ އަކްޝޭ ކުމާރުގެ "މިޝަން ރާނީގަންޖު" އަންނަ މަހުގެ 6 ގައި ރިލީޒްކުރާނެ އެވެ.
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީ އަކީ މިހާތަނަށް ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ހޯދިފައިވާ ބަތަލާއެއް ނޫނެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އެވެ.