Last Updated: May 15, 17:22
Thursday, May 15, 2025
ޚަބަރު

މިއަދުވެސް މަޖިލީހުގެ ކޯރަމް ހަމަނުވި، ޖަލްސާ ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުން ނުބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައިވަނީ 09:00 ގައެވެ. އެހެންނަމަވެސް ކޯރަމް ހަމަނުވުމުން ގަޑިއަށް ޖަލްސާ ފެށިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަނީ ކޯރަމް ހަމަނުވާތީ ކަމަށާއި ޖަލްސާ ފެށުމަށް ބޭނުންވަނީ އިތުރު ދެ މެންބަރުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ހަފްތާކަމަށް ވުމުން ސިޔާސީ ޕާޓީތަކުން ކެމްޕޭން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

"އެ މަސައްކަތުގައި އުޅުމަކީ މި މަޖިލީހުގެ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. ކަންބޮޑުވަނީ ކުޑަދަށުގައި ތިއްބަވާފައި އެތެރެއަށް ވަޑައިނުގަންނަވާތީވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ 15 މިނެތް ފަހަނައެޅިއިރުވެސް ކޯރަމް ހަމަނުވުމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމެވީ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ގަސްދުކުރަނީ އެމްޑީޕީއާ އެކު މަޝްވަރާކުރުމަށްފަހު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެބޭފުޅުންނަށް [އެމްޑީޕީއަށް] ވަޑައިގެންނެވެން އޮތްކަމުގައި ވަނީނަމަ އަދި ވަޑައިގަންނަވަން ގަސްތުކުރައްވާކަމަށް ވަނީނަމަ ޖަލްސާ ބޭއްވުމަށް އަޅުގަނޑު މަސައްކަތް ކުރާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިއަށް ނުގެންދެވި ކޯރަމްގެ މައްސަަލަ އަންނަނީ ދިމާވަމުންނެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށްނުވަދެ ކުޑަދަށުގައި ތިއްބަވާ މައްސަލައިގައި ރިޔާސަތުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.