ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރައްވާނޭ މެންބަރުންގެ ނަންތައް އެ ޕާޓީން އަދިވެސް ނުފޮނުވާކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ނުފެށި ދިޔަ ވަގުތު ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު 20 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތް ފާސްކޮށްފައިވާކަމަށެވެ.
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި ކޮމިޓީތަކުގައި ތަމްސީލުކުރައްވާނޭ މެންބަރުންގެ ނަންތައް ސެޕްޓެމްބަރި 21 ގައި ފޮނުވައިދިނުމަށް ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންގެ އަރިހުގައި ދަންނަވާފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް މެންބަރުންގެ ނަންތައް މަޖިލީހުގެ އިދާރާއަށް ލިބިފައިވަނީ ދަ ޑިމޮކްރެޓްސް، ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ކަމަށެވެ.
"އެމްޑީޕީން ވަނީ އަދި ކޮމިޓީތަކުގައި ހިމެނޭ މެންބަރުން މަޖިލީހުގެ އިދާރާއަށް ނުފޮނުވާ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން އެމްއެންޕީ، ޖޭޕީ އަދި އެމްޑީއޭއިން ވެސް ނަން ނުފޮނުވާކަމަށާއި އެހެންނަމަވެސް އެޕާޓީތަކުގެ މެންބަރުންނަށް ބަދަލެއް އައިސްފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަސްތުކޮށްގެން ހުރީ މިއަދު ކޮމިޓީތަކަށް މެންބަރުން އައްޔަނު ކުރުމަށް ވޯޓަށް އެހުމަށް ކަމަށާއި އެހެންނަމަވެސް އެކަން އަދި ކުރެވެން ނެތްކަމަށެވެ. ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާވަނީ ކުރިއަށް ނުގެންގޮސް ނިންމާލާފައެވެ.
މަޖިލީހުގެ މަސައްކަތްތައް މިފަހުން މަޑުޖެހިފައި އޮތް އެއް ސަބަބަކީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލެވި އޮތުމެވެ.