Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

ބިޔަ އިންވެސްޓްމަންޓްތަކެއް ތައިލޭންޑަށް

އެމެރިކާގެ ބޮޑު ތިން ކުންފުންޏަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ތައިލޭންޑަށް އަންނާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެ ގައުމުން ބުނެފި އެވެ.

ތައިލޭންޑްގެ ބޮޑުވަޒީރު ސްރެތާ ތަވީސިބް އިއްޔެ ވިދާޅުވީ އެ ގައުމުގައި އިންވެސްޓްމަންޓްތައް ފުޅާކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިން ކުންފުންޏަކީ ގޫގުލް އާއި މައިކްރޮސޮފްޓްގެ އިތުރުން ޓެސްލާ ކަމަށެވެ. މި ކުންފުނިތަކުގެ ތެރެއިން މައިކްރޮސޮފްޓާއި ގޫގުލް އިން ތައިލޭންޑްގައި އިންވެސްޓްކުރާނީ ޑޭޓާ ސެންޓަރުތަކަކަށް ކަމަށާއި މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އިން އިންވެސްޓްކުރާނީ އިލެކްޓްރިކް ވެހިކަލް (އީވީ) އުފެއްދުމުގެ ފެސިލިޓީއަކަށް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ ތިން ކުންފުނިން ކުރާ ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާ އެކީ ތައިލޭންޑްގެ އިގުތިސާދަށް ވެސް ބޮޑު ކުރިއެރުމެއް އައިސް، އެތައް ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ.

ނަމަވެސް ނިއު ޔޯކްގައި އދ. ގެ އާންމު ބައްދަވުލުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރު ގައުމަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ދެއްކެވި ވާހަކައިގައި ތިން ކުންފުނިން ޖުމްލަ ފަސް ބިލިއަންް ޑޮލަރު އިންވެސްޓްކުރާނީ ކަމެއް ނުވަތަ އެއިން ކޮންމެ ކުންފުންޏަކުން ފަސް ބިލިއަން ޑޮލަރު އިންވެސްޓްކުރާނީ ކަމެއް ތަފުސީލުކޮށް ދެއްވައިފައެއް ނުވެ އެވެ.

ތައިލޭންޑްގެ އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ގޫގުލް އާއި މައިކްރޮސޮފްޓާއި ޓެސްލާ އިން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

ތައިލޭންޑަށް އަންނަ ފޮރިން އިންވެސްޓްމަންޓްތަކާ އެކީ އެ ގައުމުގެ އިގުތިސާދަށް މި އަހަރު 2.8 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.