Last Updated: July 24, 17:36
Friday, July 24, 2026
މުނިފޫހިފިލުވުން

ފިރީމީހާއަކަށް ބަރޯސާއެއް ނުވަން: ޝިލްޕާ

ދިރިއުޅުމުގެ ހަރަދުތަކާ ގުޅޭ ގޮތުން ފިރިމީހާ ރާޖް ކުންދުރާ އަށް އެއްވެސް ވަރަކަށް ބަރޯސާ ނުވާ ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އޭނަގެ އާ ފިލްމު "ސުކީ" ގެ ޕްރޮމޯޝަންގެ ތެރެއިން ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ދެ ކުދިން ތިބި 48 އަހަރުގެ ބަތަލާ ބުނީ އޭނަ އަކީ އަބަދު ވެސް ވަރަށް ފުދިގެން އުޅޭ މީހެއް ކަމަށެވެ. ޝިލްޕާ ބުނި ގޮތުގައި އޭނަ ބޮޑުވީ ވެސް އެފަދަ އާއިލާއެއްގެ ތެރޭގައިކަމުން އެއްވެސް އިރެއްގައި މީސްމީހުންނަށް ކަންކަމުގައި ބަރޯސާވުމަކީ ނެތް އާދައެކެވެ.

"އަހަރެންގެ އާއިލާގައި ތިބީ އަހަންނާއި އަންހެން ކޮއްކޮ އަކާއި [ބަތަލާ ޝަމީތާ ޝެޓީ]. އަހަރެމެން ބޮޑުވަމުން އައި އިރު، މައިންބަފައިންގެ ފަރާތުން އެންމެ ބޮޑަށް ދަސްވި ކަމަކީ ވެސް ވަކި މީހަކަށް ޑިޕެންޑްވެގެން ނޫޅުން،" ޝިލްޕާ ބުންޏެވެ. "އެހެންވެ އަބަދު ވެސް އަމިއްލަ ކަންކަން މެނޭޖްކުރަނީ އަމިއްލަ އަށް ކުރާ މަސައްކަތުން."

ޝިލްޕާ ބުނި ގޮތުގައި ކައިވެންޏަށް ފަހު ފިރިމީހާ އަށް ވެސް ދައްކަން ބޭނުންވީ އޭނަ އަށް ބަރޯސާވެގެން ދިރިއުޅޭ މީހެއް ނޫން ކަމެވެ.

"އެކަން ރާޖް އަށް ވަރަށް ރަނގަޅަށް މިހާރު އެނގޭނެ،" 2009 ގައި ކައިވެނިކުރި ބަތަލާ ބުންޏެވެ. "ކޮންމެ މީހަކީ ވެސް އެ މީހެއްގެ އަމިއްލަ އައިޑެންޓިޓީއެއް އޮންނަ އަދި އަމިއްލަ މަސައްކަތުން ކުރިއަށް ދެވޭނެ މީހެއް. އަހަރެންގެ އެންމެ ބޮޑު އުފަލަކީ އެއީ."

ޝިލްޕާގެ ފިރިމީހާ ރާޖް އަކީ ވިޔަފާވެރިއެކެވެ. ނަމަވެސް އޭނަ ބަރަހަނާ ފިލްމު އުފައްދައި އެއިން ވިޔަފާރިކޮށް އާމްދަނީ ހޯދާ ކަމަށް ބުނާ މައްސަލަތަކެއް 2021 ގައި ފެންމަތިވެ، ހައްޔަރުކޮށް، ދެ މަހެއްހާ ދުވަހު ޖަލުގައި ވެސް ބަންދުކުރި އެވެ. އެކަމާ ގުޅިގެން ޝިލްޕާ އަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ފިލްމު "ބާޒީގަރް" އިން 1993 ގައި ބޮލީވުޑަށް ނުކުތް ޝިލްޕާ އަކީ ފިލްމީ މަސައްކަތުގެ އިތުރުން ޓީވީ ޝޯތަކުގައި މަސައްކަތްކޮށްގެންނާއި އަމިއްލަ ބައެއް ވިޔަފާރިތަކާއި އަދި ބައެއް އެހެން ވިޔަފާރިތަކަށް އިންވެސްޓްކޮށްގެން ވެސް އާމްދަނީ ހޯދަމުން އަންނަ ބަތަލާއެކެވެ.