އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ އަސަރު ގަދަ ލޯބީގެ ފިލްމު "މީ އިޝްގު" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.
ވަރަށް އަވަހަށް އޮލިމްޕަހުގެ ސްކްރީނަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯ އިން އުފައްދައި، ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރެޒެންޓްކޮށްދޭ އެއްޗެކެވެ. "މީ އިޝްގު" ގެ ތަރިންނަކީ ފިލްމީ ދާއިރާ އިން މިހާރު ކުރިއަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ ޝަރަފު އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.
މި ދެ ތަރިންނަކީ މި އަހަރުގެ މާޗްގައި ޑާކް ރެއިނުން މީޑިއާ ނެޓް މެދުވެރިކޮށް، ޑިޖިޓަލްކޮށް ޕްރީމިއާކުރި ފިލްމު "ހިނދުކޮޅެއް" ގެ ވެސް ތަރިންނެވެ. ޝަަރަފު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު އޮލިމްޕަހުގައި ދެއްކި "ނީނާ" އިންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑާކް ރެއިންގެ "ފުރޭތަ" އާއި "ބަޅިނދު" ހިމެނެ އެވެ.
އާޝާ އަކީ މި އަހަރުގެ ފެބްރުއަރީގައި ޑާކް ރެއިނުން އޮލިމްޕަހުގައި އެޅުވި "ބީވީމާ" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާއެކެވެ. އޭނަ ތައާރަފުވީ އެ ސްޓޫޑިއޯގެ 2019 ގެ "ގޮށްރާޅު" އިންނެވެ.
އަޒްހާން ފީޗާ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ އިރު، އޭނަ ކުރިން ދެ ވެބް ސީރީޒެއް ހަދާފައިވެ އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.
"މީ އިޝްގު" އަކީ މި އަހަރުގެ މާޗް މަހުގެ 12 ގައި ލޯންޗްކޮށް، މެއި މަހުގެ 8 ގައި ޝޫޓިން ފެށި ފިލްމެކެވެ.