މަގުމަތީ ހިނގާހާ ކަމެއް ޕީޕީއެމްއަށް ނިސްބަތްކުރުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވާ ކެމްޕޭންގައި އުޅުއްވަމުންގެންދަވާ ޑރ. ޝަހީމް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން މަގުމަތިން ދިމާކޮށް އިންޒާރު ދީފައިވާ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ތުހުމަތު ކޮށްފައިވަނިކޮށެވެ. ނިޔާޒް ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ އަނެއްކާ ވެސް ވެއްޓޭނީ ބިރުވެރި ހާލަތަކަށް ކަމަށެވެ.
އެކަމާގުޅިގެން ޝަހީމް ވިދާޅުވީ މަގުމަތިން ހިނގާހާ ކަމެއް ޕީޕީއެމްއަށް ނިސްބަތް ކުރުމަކީ ބޭއިންސާފެއް ކަމަށެވެ. ޕީޕީއެމްއަކީ ޤައުމީ އެތައް ހިދުމަތްތެރި ބައެއް އުޅޭ ޕާޓީއެއްކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ނިޔާޒް އަކީ ޕީޕީއެމްއިން ރައްދު ދޭންޖެހޭވަރުގެ ބުރަދަނެއް ހުރި މީހެއް ކަމަށް އަޅުގަނޑުމެން ނުވެސް ދެކެން. ނިޔާޒް ބޭނުން އެއްޗެއް ނިޔާޒް ކިޔަންވީ." ޝަހީމް ވިދާޅުވިއެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް ބުނެފައިވަނީ އޭނާއާ މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި އެކަމުންވެސް ޕީޕީއެމްގެ އަސްލު ސިފަ މިހާރު ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.